ޚަބަރު

ޕީޕީއެމްގެ މަސައްކަތް ހުއްޓާލާނީ ރައީސް ޔާމީން މިނިވަންކޮށްފައި: ޣައްސާން

ޕީޕީއެމްގެ މަސައްކަތްތައް ހުއްޓާލާނީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 3000 އަށްވުރެ ދިގު މާޒީއެއް އޮތް ދިވެހި ތާރީހު ދުށް އެންމެ ބޮޑު އުމްރާނީ ތަރައްގީއެއް، ކުރު ފަސް އަހަރުގެ ތެރޭގައި ހޯދައިދެއްވި މޭސްތިރިއަކީ ރައީސް ޔާމީން ކަމަށެވެ. ނަމަވެސް އެމަނިކުފާނު މިއަދު ވަނީ ސިޔާސީ ހުކުމެއްގައި ގައިދުކޮށްފައި ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ޕީޕީއެމް އަކީ ބަދަހި ލަޝްކަރެއް ކަމަށާއި އެ ލަޝްކަރުގެ މަސައްކަތް ހުއްޓައިލާނީ އެމަނިކުފާނު މިނިވަންކޮށް 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އެމަނިކުފާނު އިންތިހާބު ކޮށްފައި ކަމަށް ޣައްސާން ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އެމަނިކުފާނު މިހާރު ގެންދަވަނީ މާފުށީ ޖަލުގައި އެ ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ކުރެއްވި ޓްވީޓް