އުމަރު ނަސީރުގެ ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު، ނުރައްކާތެރި ކަމަށް ބެލެވޭ ކުށްވެރިންގެ ފައިގައި އަޅުވާ ޓެގް ގެނައުމަށްޓަކައި އަމިއްލަ ކުންފުންޏަކާ ހަވާލު ކުރި މައްސަލައިގައި ކޮރަޕްޝަންގެ އަމަލެއް ހިންގިތޯ ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފިއެވެ.
އެފަދަ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް އޭސީސީގެ އޮފިޝަލެއް ވަނީ "ވަން އޮންލައިން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް އެ މައްސަލައާބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އުމަރު ނަސީރުުގެ ހޯމް މިނިސްޓަރުކަމުގެ ދަށުން، ނުރައްކާތެރި ކުށްވެރިން ފާހަގަ ކޮށް އެމީހުން ދޫކުރާއިރު އުޅޭނޫޅޭގޮތް ބެލުމަށް ފައިގައި ޓެގް އެޅުވަން ފެށިއެވެ.
އެ ކަމަށްޓަކައި ޓެގްތައް ގެންނަން 2015 ވަނަ އަހަރު ބަޔަކާ ހަވާލުކުރީ އުމަރުގެ ނުފޫޒު އޮވެގެން ކަމަށް އޭރު ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރި އެވެ.
އަދި މިހާތަނަށް އައި އިރުވެސް އެ މަސައްކަތް ހަވާލުކުރީ ކޮން ބަޔަކާ ކަމެއް ހާމަކޮށްފައެ ނެއެވެ.
އޭސީސީން ބުނީ އެ މައްސަލަ ބެލުމަށް ކަމާ ގުޅުންހުރި ފަރާތްތަކާ ސުވާލު ކުރަމުންދާ ކަމަށެވެ.