ކުޑަކުއްޖަކު ބަލިވެ އިނދެ ވިހޭ މައްސަލައިގައި ރ.މަޑުއްވަރީ ފެހުއަލި އިސްމާއީލް ހައްމާދު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށާއި މި މައްސަލައިގައި ހައްމާދު ޕްރޮސިކިއުޓް ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސުޕްރިންޓެންޓް އޮފް ޕޮލިސް ހަސަން ހަނީފު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ހައްމާދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހައްޔަރު ކުރެވިފައިވާ ކަމަށެވެ. އަދި މިހާރުވެސް މި މައްސަލައާއި ގުޅިގެން އިތުރު ހެކި ހޯދަމުން އަންނަ ކަމަށް ހަނީފު ވިދާޅުވިއެވެ.
މި މައްސަލައިގައި ޕްރޮސިކިއުޓް ކުރެވޭ ވަރަށް ހެކި ހުރިކަމަށް ހަނީފް ވިދާޅުވީ، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަދި ކުއްޖާގެ ޑީއެންއޭ ޓެސްޓުވެސް ހަދާފައިވާނެ ކަމަށާއި، މިހާރު ފުލުހުންނަށް ލިބިފައިވާ ހެއްކާއި ގަރީނާގެ އެހީގައި މި މައްސަލައިގައި ޕްރޮސިކިއުޓް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ހަނީފު ވިދާޅުވިއެވެ.
ހަނީފު ވިދާޅުވީ ފުލުހުން މި މައްސަލަ ބަލަމުން އަންނަނީ ކުޑަކުއްޖަކާއެކު ގަދަކަމުން ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ އާންމުންގެ ފަރާތަކުން މިކަން މިއަހަރުގެ ފެބްރުއަރީ 14ގައި ރިޕޯޓު ކުރުމާއި ގުޅިގެން ކަމަށް ހަނީފު ވިދާޅުވިއެވެ.
ހައްމާދަކީ 22 ނޮވެމްބަރުގައި ގައިގައި ވަޅި އަޅައި ޒަހަމްކޮށްލުމަށް ފަހު ކަނޑަށް އެއްލާލުމުގެ ސަބަބުން ފަރުވާ ދީފައިވާ މީހެކެވެ. ހަރުކަށި ފިކުރު ގެންގުޅެ ބައެއްގެ ތެރޭ ހިނގި ދީނީ ހިޔާލުތަފާތުވުމެއްގެ ތެރޭ ހިނގި މި މާރާމާރީގައި އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބުމުގެ ސަބަބުން އއ.މާޅޮސް ސިއްހީ މަރުކަޒުގައި ފަރުވާދީފައެވެ. އަދި އޭނާގެ ހާލަތު ހުރި ގޮތުން ފަހުން އޭނާ ވަނީ މާލެއަށް އިތުރު ފަރުވާއަށް ގެނެއްސައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފަރުވާއަށްފަހު ދޫކޮށްލިފަހުންނެވެ.