ޚަބަރު

ޖޭއެސްސީގައި ހައިކޯޓު ތަމްސީލު ކުރައްވާ ފަނޑިޔާރު، ކޮމިޝަނުން އިސްތިއުފާ ދެއްވައިފި

އިބްރާހިމް ޒަކީ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހައިކޯޓު ތަމްސީލު ކުރައްވާ ފަނޑިޔާރު، ފަނޑިޔާރު އަލްއުސްތާޒު އަބްދުއްރައޫފު އިބްރާހިމް ޖޭއެސްސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ފަނޑިޔާރު އަލްއުސްތާޒު އަބްދުއްރައޫފު އިބްރާހިމް ޖޭއެސްސީން އިސްތިއުފާ ދެއްވިކަން ހައިކޯޓުން ވަނީ ޔަގީން ކޮށްދީފައެވެ.

ފަނޑިޔާރު ރައޫފް ޖޭއެސްސީން އިސްތިއުފާ މި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އޭނާ އައްޔަން ކުރުމަށްޓަކައި ޖޭއެސްސީގެ ލަފައަކަށް އެދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ހަފުތާގައި ހުށަހަޅުއްވާފައި ވަނިކޮށެވެ.

ޖޭއެސްސީގައި އިންނަވާ ހައި ކޯޓު ތަމްސީލު ކުރައްވާ ފަނޑިޔާރުގެ މަގާމަށް ފަނޑިޔާރު ރައޫފް އައްޔަން ކުރެއްވީ 2017 ވަނަ އަހަރުގެ މެއިމަހުގައެވެ.

ފަނޑިޔާރު ރައޫފް ޖޭއެސްސީން އިސްތިއުފާ ދެއްވުމުން، ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގެ މެންބަރުކަމަށް 30 ދުވަސް ތެރޭގައި ފަނޑިޔާރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ.