ޚަބަރު

21 ވަނަ ގައުމީ ކެޑޭޓް ކޭމްޕް ކ. ގިރިފުށީގައި ފަށައިފި

މުހައްމަދު ޝަހީމް

21 ވަނަ ގައުމީ ކެޑޭޓް ކޭމްޕް 118 ދަރިވަރުންނާއިއެކު ކ.ގިރިފުށީގައި ފަށައިފިއެވެ.

ކޭމްޕް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ކ. ގިރިފުށިގައެވެ. މި ރަސސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮލްޖް އޮފް ޑިފެންސް އެންޑް ސެކިއުރެޓީ ސްޓަޑީސް ގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދުއެވެ.

މި ކޭމްޕްގެ ބައިވެރިން 12 ދުވަސް ގިރިފުށީގައި ހޭދަކުރާއިރު މި ކުދިންގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވާނީ އެމްއެންޑީއެފްގެ މުދައްރިބުންނެވެ. 

މި އަހަރުގެ ކޭމްޕްގައި ޖުމުލަ 118 ކުދިން ބައިވެރިވެފައިވެއެވެ. އެއީ 10 އަތޮޅުގެ 32 ސުކޫލަކުންނެވެ.

ގިރިފުށި ޓްރެއިނިން ކޭމްޕަކީ ހުރިހާ ކެޑޭޓުންވެސް ދިއުމަށް އުންމީދުކުރާ ކޭމްޕެކެވެ. އަދި މި ކޭމްޕްގައި ދަސްކޮށްދޭ އުކުޅުތަކާއި ކިޔަވައިދޭ މާއްދާތަކާއި ދެވޭ ތަމްރީނުތަކަކީ ދަރިވަރުން ކޭމްޕް ނިންމާ މުޖުތަމައުގައި އުޅޭ އުޅުމުގައި ބޭނުންކުރެވޭނެ އުކުޅުތަކާއި ތަމްރީނުތަކެވެ.

މި ކޭމްޕް ކުރިޔަށްދާނީ 30 ނޮވެމްބަރު 2019 އިން 12 ޑިސެމްބަރު 2019ގެ ނިޔަލަށްކަމަށްވެސް ކެޑޭޓް ކޯ އިން މައުލޫމާތުދެއެވެ.