އިބްރާހިމް ޒަކީ
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މުގުލުގައި ތިބި، ކުރީގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބުދުލް ޣަފޫރާއި، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ވަނީ ގޭ ބަންދަށް ބަދަލު ކޮށްފައި ކަމަށާއި، އެހެންކަމުން ރައީސް ޔާމީންގެ ވީ އެންމެ އަވަހަކަށް ގޭ ބަންދަށް ބަދަލުކުރަން އެދިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ، އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ބަންދު ކުރައްވާފައި ހުންނެވި ޖަލަށް ވަޑައިގެން ޔާމީން އާ ބައްދަލު ކުރެއްވުމަށްފަހު، މިއަދު ކުރެއްވި ޓުވީޓެއްގައި ޖަމީލު ވިދާޅުވީ ވީހާވެސް އަވަހަށް ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ރައީސް ޔާމީން ބަންދުގައި ހުންނެވި ޖަލަށް ވަޑައިގެން، މިއަދު ރައީސް ޔާމީނާ ބައްދަލު ކުރެއްވި ކަމަށާއި މަޝްވަރާ ކުރެއްވީ ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމާބެހޭ ކަންތައްތަކާ ބެހޭގޮތުން ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
ގާނޫނީ ވަކީލު އަލީ ޝާހު އާއެކު ޖަލަށް ވަޑައިގެން ކަން ދައްކައިދޭ ފޮޓީއަކާއެކު ކުރެއްވި ޓްވީޓުގައި ޖަމީލް އިތުރަށް ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް އިއްވާފައި ވަނީ ގޯސް ހުކުމެއް ކަމަށެވެ.
މަލީ ލޯޑަރިންގެ މައްސަލަ ސާބިތުވެ މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިިވާ ފަަސް އަހަރު ދުވަހުގެ ހުކުމް ތަންފީޒު ކުރަމުން ގެންދަވަނީ މާފުށީ ޖަލުގައެވެ.
އަދީބާ ޒިޔަތަކީ މި މައްސަލަ ރައީސް ޔާމީންގެ މައްޗަށް ސާބިތު ކުރުމަށް ހެކި ދިން ދެމީހުންނެވެ. އަދި އެ ދެމީހުންނަކީވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހުކުމް އިއްވާފައިވާ ދެ މީހުންނެވެ. މީގެ ތެރެއިން ޒިޔަތު މިވަގުތު ތަންފީޒު ކުރަނީ އަށް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު ޒިޔަތު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި ދައުވާ ކުރަމުންދާ އަދީބު ތިން އަށާރަ ދުވަހަށް ޖަލަށްލީ، ސުޕްރީމް ކޯޓުން ފުރުން މަނާކޮށް ޕާސްޕޯޓް ހިފާއްޓާފައި ވަނިކޮށް ޓަގްބޯޓެއްގައި ފިލައިގެން އިންޑިއާއަށް ދިޔަ މައްސަލައިގައެވެ.
އޭނާގެ މައްޗަށް މިހާރުވެސް އެމްއެމްޕީއާރުސީގެ ހިޔނާތިގެ ހަތް ދައުވާއެއް އުފުލާފައިވާއިރު އޭނާގެ ވެސް ވަނީ ގޭބަންދަށް ބަދަލު ކޮށްފައެވެ.