އިބްރާހިމް ޒަކީ
ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި ހާއްސަކޮށް ދައުލަތުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ރަނގަޅުކުރަން، ބޭކާރު ހަރަދާއި އިސްރާފުކުރުން ހުއްޓާލައި ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު މިއަދު ވިދާޅުވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި "އިންޖިނިއަރިންގ ސިމްޕޯޒިއަމް 2019" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކުރާ ކޮންމެ ކަމެއްގައިވެސް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް ހޯދުމާއި ކުރާ މަސައްކަތްތަކާއި ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިސަރުކާރުން މަސައްކަތްތައް ކުރިޔަށްގެންދާއިރު ރައްޔިތުން އެންމެ ހިތްހަމަޖެހޭގޮތަށް، ހަރަދުކުޑަކޮށް އަދި ރަނގަޅު ފެންވަރުގައި، މަސައްކަތްތައް ކުރުމަކީ ވަރަށް މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މި ސަރުކާރުން ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނުގެންގުޅޭނެކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މަސައްކަތްކުރަނީ ހާއްސަކޮށް އަސާސީ ހައްގުތަކާއި ހިދުމަތްތައް ދިނުމުގައި ރައްޔިތުންގެ ޝަކުވާއެއް ނޯންނާނޭހެން ހާމަކަން ބޮޑުގޮތެއްގައި ކުރިޔަށްގެންދިއުމަށްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް ރަށްރަށުގެ އިންޖީނުތައް ބަދަލުކުރުމާއި އިންޖީނުގެތައް އިމާރާތްކުރުމާއި އިންޖީނުތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފެނަކައިން ކުރަމުން ގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން މިހާތަނަށް 60 އަށްވުރެ ގިނަ ރަށަކަށް ޖަނަރޭޓަރު ފޯރުކޮށްދެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ކަރަންޓް ބޭނުން ކުރާ ފަރާތްތަކުންވެސް އިސްރާފުކުޑަކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ޤައުމަށް ބޭނުންވާ މިފަދަ ދާއިރާތަކުން މީހުން އުފެއްދުމުގެ މުހިންމުކަމާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިންކަން ވެސް ފާހަގަކުރެއްވިއެވެ. މިއަދު ދަރުބާރުގޭގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފެނަކައިގެ ބްރާންޗްތަކުގެ އިންޖީނުގެތައް "ރިމޯޓް ކޮންޓްރޯލު ކުރުމުގެ ނިޒާމު" އިފްތިތާހުކޮށްދެއްވާފައެވެ.