އިބްރާހިމް ޒަކީ
ސައްބީސް އަހަރުގެ ފިރިހެނަކު ތޭރަ އަހަރުގެ ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނިކޮށް އެކުއްޖާ ބަލިވެ އިން މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އެ މައްސަލަ ބަލަމުން ދަނީ އެ މަޖިލީހުގެ ހިއުމަންރައިޓްސް އެންް ޖެންޑާ ކޮމިޓީން ކަމަށާއި އެ މުއައްސަސާތަކުގެ އިސް ބޭފުޅުން ހާޒިރު ކުރަން ހަމަޖެހިފައިވަނީ އެ ކޮމިޓީގެ މިރޭގެ ބައްދަލުވުމަށް ކަމަށެވެ.
މިރޭ 8:30 ގައި ވާއްވާ އެ ކޮމިޓީގެ ބައްދަލުވުމަަށް ހާޒިރުކޮށް އެ މައްސަލައާބެހޭ ގޮތުން އެ ފަރާތްތަކަށް ލިބިފަހުރި މައުލޫމާތާއި އެ މުއައްސަސާތަކުން ކަންތައް ކުރިއަށް ގެންދިޔަގޮތާ ބެހޭގޮތުން ކޮޓީިން ސުވާލުކޮށް އޮޅުން ފިލުވާނެ އެވެ.
މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބެލުމަށް ހިއުމަންރައިޓްސް އެންް ޖެންޑާ ކޮމިޓީން މީގެ ކުރިންވެސް ބައްދަލުވުންތައް ބާއްވާފައިވާއިރު، 113 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ޖިންސީ ޝިކާރައަކަށް ހަދައި ބަނޑުބޮޑުވި މައްސަލަ ބެލުމަށް ހާއްސަ ޓާސްކް ފޯހެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އުފައްދަވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި މިދިޔަ ބުދަ ދުވަހު ވާހަކަދައްކަވަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، އެ ޓާސްކް ފޯސް ރައީސް އެކުލަވާލެއްވީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގައި ބޭއްވެވި ބައްދަލުވުމެއްގައި ކަމަށެވެ.
އެ ބައްދަލުވުމުގައި އުމުރުން 13 އަހަރުގައި ވިހެއި ކުއްޖާގެ ރައްކާތެރިކަމަށް ކަމާބެހޭ އިދާރާތަކުން އެޅި ފިޔަވަޅުތައް ބެލުމަށާއި އެ ކުއްޖާއަށް ރައްކާތެރިކަން ހޯދައިދޭން ކުރެވިފައިވާ ކަންކަމަކީ އެކަށިގެންވާ ކަންކަންތޯ ބަލައި ދެން ކުރެވެން ހުރި މަސައްކަތްތައް ވެސް ކުރެއްވުމަށް ކަމާބެހޭ މުއައްސަސާތަކާ ރައީސް ހަވާލުކުރެއްވި ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ، ކައިވެނީގެ ނަމުގައި ގުޅުން ހިންގައި، ބަލިވެ އިން 13 އަހަރުގެ ކުއްޖާގެ ބައްޕައަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ ބަޔަކު އއ. ހިމަންދޫގައި 2007 ވަނަ އަހަރު ފުލުހުންނާއި ސިފައިންނާ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހެއްކަން އެނގޭ ކަމަށެވެ.
އަދި އެއީ ޝަރުއީ ނިޒާމުން ބޭރުން ކައިވެނީގެ ނަމުގައި މީހަކު އެކުއްޖާއާ ގުޅުމެއް އުފައްދާ ފުރަތަމަ ފަހަރު ނޫންކަން ވެސް ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭކަން ފާހަގަކުރައްވާ ޖީހާން ވިދާޅުވީ، ކައިވެނީގެ ނަމުގައި އެކުއްޖާއާ ގުޅުން ހިންގާފައިވަނީ އެކުއްޖާގެ މައިންބަފައިންގެ ރުހުމުގައި ކަމަށާއި އެ ކުއްޖާގެ އާއިލާ އަކީ ހަރުކަށި ފިކުރަށް ތާއީދުކޮށް، އެ ފިކުރު ފަތުރާ ބައެއްކަން އެމީހުން ދިރިއުޅޭ ރަށުން ސާފުކޮށް އެނގޭ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އައިއެސްގެ ލޯގޯ ޖަހައިގެން ތައްޔާރުކޮށްފައިވާ ކައިވެނީގެ ސެޓްފިކެޓް ކަމަށް ބުނާ ސެޓްފިކެޓްތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަމަށާއި އެ ލިޔެކިޔުންތަކަކީ މީގެ ކުރިން ސަރުކާރަށް ހުށަހެޅިފައިވާ ލިޔުންތަކެއް ކަމަށް ވެސް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި 13 އަހަރު ކުއްޖާއާ ކައިވެނީގެ ނަމުގައި ގުޅުން ހިންގި މީހާއަކީ ޖަލުގެ ތެރެއިން ހަރުކަށި ފިކުރަށް ތަމްރީނު ވެގެންދިޔަ މީހެއް ކަމުގެ މައުލޫމާތު ލިބޭ ކަމަށް ވެސް ވިދާޅުވިއެވެ.
ތޭރަ އަހަރުގެ އެ ކުޑަކުއްޖާއާ ކޯޓުން ބޭރުން ކައިވެނިކޮށްގެން މިހާރު އުޅޭ ކަމަށް ތުހުމަތު ކޮށްފައި ވަނީ މިމަހު 21 ވަނަ ދުވަހުގެތޭ ދޯނި ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ޒަހަމްކޮށްލި ރ. މަޑުއްވަރީ 26 އަހަރުގެ އިސްމާއިލް ހައްމާދުއަށެވެ.