ޚަބަރު

މިނިވަން ވުމުގެ ފިކުރޭ މިކިޔާ ފިކުރަކީވެސް ހައްދުފަހަނަ އަޅައި ދިއުން: ޑރ. އިބްރާހީމް ޒަކަރިއްޔާ

މަރިޔަމް ޝަހުދާ

މިނިވަން ވުމުގެ ފިކުރޭ މިކިޔާ ފިކުރަކީވެސް ހައްދުފަހަނަ އަޅައި ދިއުން ކަމަށް އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށް ގެންދިޔަ ރާއްޖެ އިސްލާމްވި ދުވަހުގެ ޕެނަލް ޑިސްކަޝަނުގައި ވާހަކަ ދައްކަވަމުން ޑރ. ޒަކަރިއްޔާ ވިދާޅުވީ ހައްދުފަހަނައަޅައި ދިއުމުގެ ފިކުރު ދެގޮތަކަށް އަންނަ ކަމަށެވެ. އެއް ގޮތަކީ ދީނީ ހަރުކަށިގޮތް ކަމަށް ވީހިނދު، އަނެއް ގޮތަކީ މިނިވަން ފިކުރޭ މިކިޔާ ދީނާއި ދުރަށް ދިއުމުގެ ފިކުރު ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިވަން ފިކުރު ނުވަތަ މިނިވަން ވިސްނުމުގެ ފިކުރަކީ މީހުން ކިޔާ ''ލިބަރަލިޒަމް'' ކަމަށް ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ. ނަމަވެސް ލިބަރަލިޒަމްގެ ފަލްސަފާއަށް ރަނގަޅަށް ބަލާއިރު، ހަގީގީ ލިބަރަލިޒަމަކީ އެއްވެސް އިމެއް، މިނެއް ނެތި، ހިތުހުރި ގޮތަކަށް ބޭނުންވަރަކަށް، އެއްވެސް ކަހަލަ ހައްދެއް ނެތި މިނިވަން ކަމެއް ދީފައި އޮތް ފަލްސަފާއެއް ނޫންކަމަށް ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ. އަދި ހަގީގީ ލިބަރަލް ފިކުރުގެ މީހުންނަކީ ތަފާތު ގައުމުތަކުގެ މީހުންނަށް އިހުތިރާމް ކުރުމުގެ އިތުރުން، އެކަންކަމަށް ގަދަރުކުރާ ކަމޭ ހިތާ ބައެއް ކަމަށް ވެސް ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

ޑރ. ޒަކަރިއްޔާ ވިދާޅުވީ ލިބަރަލިޒަމްގެ ނަމުގައިވެސް ''މިނިވަން ފިކުރު''ގެ މީހުން ރާއްޖޭގައި ފަހަކަށް އައިސް ވަރަށް ގިނައިން ފެންނަ ކަމަށެވެ. ނަމަވެސް މިހާރުގެ މި ފިކުރަކީ ލިބަރަލިޒަމްގެ ފަލްސަފާ އުފެދިގެން އައި ގޮތުގެ އަސްލާ ގުޅުމެއް ނެތް ކަމެއްގެ ގޮތުގައި ޑރ. ޒަކަރިއްޔާ ސިފަކުރެއްވިއެވެ. އަދި މި ކަމަކީ ވިސްނަން ޖެހޭ ކަމެއް ކަމަށާއި، މިނިވަން ފިކުރުގެ މީހުން ހައްދުފަހަނަ އަޅައި ދާނަމަ އެކަމަކީ ވެސް މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދީނުގެ ތެރެއިން ހައްދު ފަހަނައަޅައި ދިއުމަކީވެސް ހަމަ މިފަދައިން އެހާމެ ނުރައްކާ ކަމެއް ކަމަށް ޑރ. ޒަކަރިއްޔާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ހައްދު ފަހަނައަޅައި ދިއުމުގެ ފިކުރުގެ ސަބަބުން ދީނީ ސައްހަ އަގީދާއާއި، ސައްހަ ދީނީ މައުލޫމާތާއި ރަސޫލާގެ ސުންނަތުން ސާބިތުވާ ސައްހަގޮތް ނޫން އެހެން ގޮތްތަކެއް ފެތުރިގެން ދާކަމަށް ޑރ. ޒަކަރިއްޔާ ވިދާޅުވި އެވެ.