ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފުލުސް އޮފީހަށް މިރޭ ހާޒިރުކޮށް، ބަޔާން ނަގައިފިއެވެ.
އަދުރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފައި މިވަނީ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ހުކުމް ކުރި ފަސް ފަނޑިޔާރުންނަށް ނިސްބަތްކޮށް، ހުތުރުބަހެއް ބޭނުންކުރި މައްސަލައިގައެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.
ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު "ވަން" އަށް އަދުރޭ ވިދާޅުވީ، މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާ ކުރިކަމަށް ބުނާ ކަންތަކާ ގުޅިގެން ސުވާލުކުރި ކަމަށެވެ. އަދި އެކަމާ ގުޅޭ ބަޔާނެއް ވެސް ނެގި ކަމަށް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މިއަދު އިދިކޮޅު ޕްރޮގްރެވިސް ކޮންގުރެސް ކޯލިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަދުރޭ ވިދާޅުވީ، ފަނޑިޔާރުންނަށް އިންޒާރުދީ އެބޭފުޅުންނަށް ބޭއަދަބީ ބަސްތައް ބޭނުންކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުންނަކީ ކޯޓުތަކަށް ވަރަށް އިހުތިރާމުކުރާ އަދި އުސޫލުގެ ތެރެއިން ކޯޓުން ނިންމާ ނިންމުންތަކަށް ތަބާވާ ބައެކެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކުރި ހުކުމަކީ އުސޫލުން ބޭރުން ކޮށްފައިވާ ހުކުމެއް ކަމަށާއި އެ ހުކުމަށް ތަބާ ނުވަނީ އެހެންވެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ހުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.