ސިޔާސީ ބައެއް ލީޑަރުން ޖައްސަވާ ހިސާބު ގޯސް ކަމަށާއި ނިދިން ހޭލެވޭއިރު އޮންނާނީ ކަތިވަޅި ގެއްލި މަރިޔަނބު ވެސް ގެއްލިފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯ އަކާއެކު މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް އަބުދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައިވެސް ހިިމެނި ވަޑައިގަންނަވާ ޑރ. ޖަމީލް ވިދާޅުވީ، ހިޔާލު ތަފާތުވިޔަސް ބަޖެޓާއި ގުޅޭ ކަންކަމާއި، ބަދަލު ދިނުމާއި އަދި ޖުޑީޝަރީގެ ކަންކަން ކަމުގައި ވީނަމަވެސް، "މި ދެ ބޭފުޅުން ކަންކަން ނިންމަވަނީ އެކުގައި،" ކަމަށެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދު އެކުގައި ނަގާފައިވާ ފޮޓޯއެއް އާންމު ކުރައްވަމުން ކުރެއްވި ޓްވީޓުގައި ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، ބައެއް ސިޔާސީ ލީޑަރުން މިކަމުގައި ޖައްސަވާ ހިސާބު ގޯސް ކަމަށެވެ.
ޑރ. ޖަމީލް މިގޮތަށް ވިދާޅުވެފައި ވަނީ، ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދި ސަރުކާރާއި ވެރިކަންކުރާ ޕާޓީގެ ތެރޭގައި މައްސަލަތައް ގޯސްވެފައިވާ ކަމުގެ އަޑުތައް ކުރިންސުރެ ފެތުރިފައި ވަނިކޮށެވެ.