ތެލެސީމިއާ ފަންޑު ހިންގުމުގެ ގަވާއިދެއް އެކުލަވާލައި އެ ގަވާދުގެ ދަށުން ފަންޑު ހިންގަން ކޮމިޓީއެއް ހެދުމަށް ކަނޑައަޅައިފިއެވެ.
ބުރާސްފަތި ދުވަހު ގެޒެޓުކުރި ތެލެސީމިއާ ފަންޑު ހިންގުމުގެ ގަވައިދުގެ ދަށުން ކޮމިޓީ އެކުލަވައިލައި، އެ ކޮމިޓީއަށް މެންބަރުން އައްޔަނުކުރާނީ މިނިސްޓަރު ނުވަތަ މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނަ އެންމެ އިސްވެރިޔާ އެވެ. އަދި އެ ބަޔާނުގެ ވާގޮތުން ތެލެސީމިއާ ފަންޑަށް ލިބޭ ފައިސާ ޖަމާކުރާނީ، ދައުލަތުގެ މާލީ ވުޒާރާގައި ހުޅުވާފައިވާ ތެލެސީމިއާ ފަންޑު އެކައުންޓަށެވެ.
އެގޮތުން ކޮމެޓީ އެކުލަވާލުމަށްފަހު، އެއްވެސް ސަބަބަކާ ހުރެ ކޮމެޓީއަށް ބަދަލު ގެންނަން ޖެހިއްޖެނަމަ، ގެނައި ބަދަލު 10 ދުވަހުގެ ތެރޭގައި ކޮމެޓީގެ މެންބަރުންނަން އަންގަންވާނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.
މީގެއިތުރުން އެންމެ މަދުވެގެން ކޮމިޓީއަށް އައްޔަން ކުރެވޭނީ ފަސް މެންބަރުން ކަމަށާއި އެންމެ ގިނަވެގެން އައްޔަނުކުރެވޭނީ ހަތް މެންބަރުން ކަމަށްވެސް ގަވައިދުގައި ވަނީ ބަޔާންކޮށްފައެވެ.
ތެލެސީމިއާ ފަންޑަކީ ތެލެސީމިއާ ބަލި ހުންނަ ކުދިން ފަރުވާ ލިބިގަތުމަށް ކުރަންޖެހޭ ފަރުވާގެ ހަރަދުތައް ދިވެހި ދައުލަތުން އުފުލައި، އެ ހަރަދުތައް ދިނުމަށް ބޭނުންވާ ފައިސާ، އެ ފަރުވާ ބޭނުންވާ ކުދިންގެ ނިސްބަތަށް ބަލައިގެން ކޮންމެ އަހަރަކު ވަކިން ޖަމާކުރުމުގެ ގޮތުން އުފައްދާފައިވާ ފަންޑެކެވެ.