ޚަބަރު

ޖަލު ގޮޅީގެ މައްސަލަތަކާ ގުޅިގެން އެޗްއާރުސީއެމުން ޔާމީނާ ބައްދަލު ކޮށްފި

އިބްރާހިމް ޒަކީ

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު މާލޭ ޖަލުގައި ބަންދު ކޮށްފައި ހުރި ގޮޅީގެ މައްސަަލަތަކެއް ހުށަހަޅާފައިވާތީ، ހިއުމަންރައިޓްސް ކޮމިޝަމުން ރައީސް ޔާމީނާ ބައްދަލު ކޮށްފިއެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ނަސީމު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެޗްއާރުސީއެމްގެ އެދުމުގެ މަތިން އެ ފަރާތަކަށް ރައީސް ޔާމީނާ ބައްދަލު ކުރުމުގެ ފުރުސަދު ދީފައިވާ ކަމަށާއި އެ ކޮމިޝަންގެ ބޭފުޅުން ރައީސް ޔާމީނާ ބައްދަލު ކުރީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

އަދި އެއީ ރައީސް ޔާމީން ބަންދު ކުރައްވާފައި ހުރި ގޮޅީގެ މައްސަލަތަކެއް ހުރެގެން ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެޗްއާރްސީއެމްގެ އޮފިޝަލަކު ވިދާޅުވެސް ވިދާޅުވީ، ރައީސް ޔާމީން ހުންނެވި ޖަލު ގޮޅީގެ މައްސަލަތަކެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެހެންނާވެސް ކަންކުރާ އުސޫލުން ކޮމިޝަނުން އެކަން ބަލަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އެކަމާބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެ ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް 5 އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

އެދުވަހުން ފެށިގެން މިއަދު މާފުށީ ޖަލަށް ބަދަލުކުރަންދެން އެމަނިކުފާނު ބަންދުގައި ބަހައްޓާފައި ހުރީ މާލޭ ރިމާންޑް ޖަލުގައެވެ.

ރައީސް ޔާމިން މާލޭ ރިމާންޑް ޖަލުގައި ބަންދު ކޮށްފައި ހުންނެވި ގޮޅީގެ ހާލަތު ދެރަކަމަށްބުނެ ޕީޕީއެމާއި ޕީއެންސީން އެ މައްސަލަ ވަނީ އެޗްއާރުސީއެމްގެ ސަމާލުކަމަށް ގެނަސްފައެވެ.

އިދިކޮޅު ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވީ، ރައީސް ޔާމީން މާޅޭ ޖަލުގައި ހުންނެވީ ހަ ފުޓޫ، ހަ ފޫޓުގެ ގޮޅިއެއްގައި ކަމަށާއި އެތަނުގައި ފާހާނާއެއް ހުރިނަމަވެސް ފފްލަޝް ނުކުރެވޭ ކަމަށެވެ.

އަދި އެތަނުގައި ޖެހެނީ ރައީސް ޔާމީން އަމިއްލަފުޅަށް ޓައްޕަކަށް ފެން އަޅުއްވަން ކަމަށާއި އެނދުގައި ރަނގަޅަށް ހިންދަމާލައިގެން ނޯވެވޭ ކަމަށެވެ. އަދި އެތަނުގައި ބަންދުގައި ތިބީ އެކި ކުށްތަކުގައި ބަންދުގައި ތިބި، ނުރައްކާތެރި ކުށްވެރިން ކަމަށާއި އެމަނިކުފާނަށް އަވަހާރަ ލައްޕަވަން ވެސް ދަތިފުޅުވާ ކަމަށް ބުނެފައިވެއެވެ.

މިއަދުގެ ވަގުތެއްގައި ރައީސް ޔާމީން ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ.