ޚަބަރު

ރައީސް ޔާމީން މާފުށީ ޖަލަށް ގެންގޮސްފި

އިބްރާހިމް ޒަކީ

1

މާލޭ ޖަމުގައި ބަންދު ކޮށްފައި ބެހެއްޓުމަށްފަހު، ހުކުމް ތަންފީޒު ކުރުމަށްޓަކައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު މިއަދު މާފުށީ ޖަލަށް ބަދަލު ކޮށްފި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ނަސީމު ކުޑައިރުކޮޅެއް ކުރިން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް މާފުށީ ޖަލަށް މިއަދު ބަދަލު ކޮށްފި ކަމަށާއި މިހާރު އެމަނިކުފާނު ހުންނެވީ މާފުށީ ޖަލުުގަިއ ކަމަށެވެ.

މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެ ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް 5 އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކްމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

މި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ބެންޗުގައި ތިއްބެވި ފަސް ފަންޑިޔާރުންގެ އިއްތިފާގުން ރައީސް ޔާމީނަށް ހުކުމް ކޮށްފައި ވަނީ މަލީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭން ކުރުން ހުއްޓުުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އަހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިޔަން ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށެވެ.

އެ ހުކުމާ ގުޅިގެން މިއަދާ ހަމައަށް އެމަނިކުފާނު ބަންދު ކުރައްވާފައި ހުންނެވީ މާލޭ ރިމާންޑް ޖަލުގައެވެ.

އެމަނިކުފާނު ޖަލަށް ލުމާ ގުޅިގެން ތާއީދު ކުރާ ފަރާތްތަކުން ދަނީ މުޒާހަރާ ކުރަމުންނެވެ.

އެފަރާތްތަކުން ބާއްވާ ސިލް ސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ މާލޭ ޖަލު ކުރިމަތީގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟