އިބްރާހިމް ޒަކީ
ފަނޑިޔާރު ކަމަށާއި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ކަމުގެ މަ މަގާމަށް ކުރިމަތި ލައްވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ދޫކުރަންޖެހޭ ލިޔުން ދޫކުރުން ބަންދު ދުވަހަކަސް މިއަދު ކުރިއަށް ދާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ފަނޑިޔާރު ކަމަށާއި ޕީޖީގެ މަގާމައް ކުރިމަތި ލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ސިޔާސީ ޕާޓީއެއް ގައި އުޅޭކަން ނުވަނަ ނޫޅޭކަން ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ހޯދަންޖެހޭ ލިއުން އަވަސް ކޮށް ދިނުމުގެ ގޮތުން މިއަދުވެސް އެ ލިއުން ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި މިއަދު މެންދުރު 12:00 އިން ފެށިގެން އިރު އޮއްސި 6:00 އަށް އިލެކްޝަންސް ކޮމިޝަން ހުޅުވާފައި ހުންނާނެ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަގާމަށް ބޭފުޅުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މަޝްވަރާއަށް ތިން ބޭފުޅެއްގެ ނަން މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވުމަށްފަހު ޕީޖީގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައްވައިފައެވެ.
އުއްތަމަ ފަނޑިޔާރުކަމަށް ރައީސް ފޮނުއްވީ މ. ގުލްފާމްގެ، އަހްމަދު މުއުތަސިމް އަދުނާންގެ ނަން ފުޅެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަގާމަށް ރައީސް ފޮނުއްވާފައި ވަނީ ސ. މީދޫ، ހަސަންކާރިގެ ހުސްނުއްސުއޫދާއި މ. ވޭސައިޑް އަބްދުއްރައޫފް އިބްރާހީމްގެ ނަންފުޅެވެ.
ހުސްވެފައިވާ ޕީޖީގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލާފައިވަނީ މާދަމާ 14:00ގެ ނިޔަލަށެވެ.
ޕީޖީގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި އާއިޝަތު ބިޝާމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.