ޚަބަރު

ރައީސް ޔާމީން މިއަދު މާފުށީ ޖަލަށް ބަދަލު ކުރަނީ

އިބްރާހިމް ޒަކީ

މާލޭ ޖަމުގައި މިހާރު ބަންދު ކުރައްވާފައި ހުންނެވި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު މިއަދުގެ ވަގުތެއްގައި މާފުށީ ޖަލަށް ބަދަލު ކުރާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ނަސީމު މީގެ ކުޑައިރުކޮޅެއް ކުރިން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދުގެ ވަގުތެއްގައި ރައީސް ޔާމީން މާފުށީ ޖަލަށް ބަދަލު ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން އިރަކުން ކަމެއް ނަސީމު ވިދާޅެއް ނުވެއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން މާފުށީ ޖަލަށް ބަދަލު ކުރުމުން އެކަމާބެހޭ މައުލޫމާތު ހާމަ ކުރައްވާނެ ކަމަށެވެ.

މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެ ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް 5 އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކްމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

މި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ބެންޗުގައި ތިއްބެވި ފަސް ފަންޑިޔާރުންގެ އިއްތިފާގުން ރައީސް ޔާމީނަށް ހުކުމް ކޮށްފައި ވަނީ މަލީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭން ކުރުން ހުއްޓުުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އަހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިޔަން ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށެވެ.

އެ ހުކުމާ ގުޅިގެން އެމަނިކުފާނު ގެންގޮސްް ފައިވަނީ މާލޭ ޖަލަށެވެ.

އެމަނިކުފާނު ޖަލަށް ލުމާ ގުޅިގެން ތާއީދު ކުރާ ފަރާތްތަކުން ދަނީ މުޒާހަރާ ކުރަމުންނެވެ.

އެފަރާތްތަކުން ބާއްވާ ސިލް ސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ މާލޭ ޖަލު ކުރިމަތީގައެވެ.