21ވަނަ ގައުމީ ކެޑޭޓް ކޭމްޕުގައި ބައިވެރިވާ ދަރިވަރުން ގިރިފުއްޓަށް ފުރައިފިއެވެ.
ގައުމީ ކެޑޭޓުން ގިރިފުއްޓަށް ފުރާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
"ވަން"އަށް މައުލޫމާތު ދެއްވަމުން ގައުމީ ކެޑޭޓް ކޯގެ އެޑްމިން އެންޑް ލޮޖިސްޓިކްސް ކެޕްޓަން ރިފްއާން އަލީ ވިދާޅުވީ ކޭމްޕް ރަސްމީކޮށް ފަށާނީ މާދަމާ ހެނދުނު ކަމަށެވެ.
މި އަހަރުގެ ކޭމްޕްގައި ޖުމުލަ 120 ކުދިން ބައިވެރިވެފައިވެއެވެ. އެއީ 10 އަތޮޅުގެ 32 ސުކޫލަކުން، 30 އަންހެންކުދިންނާއި 90 ފިރިހެން ކުދިންނެވެ.
ގިރިފުށި ޓްރެއިނިން ކޭމްޕަކީ ހުރިހާ ކެޑޭޓުންވެސް ދިއުމަށް އުންމީދުކުރާ ކޭމްޕެކެވެ. މި ކޭމްޕްގައި ދަސްކޮށްދޭ އުކުޅުތަކާއި ކިޔަވައިދޭ މާއްދާތަކަކީ ކުދިން މުޖުތަމައުގައި އުޅޭ އުޅުމުގައި ބޭނުންކުރެވޭނެ އުކުޅުތަކާއި ތަމްރީނުތަކެވެ.
މި ކޭމްޕް ކުރިޔަށްދާނީ 30 ނޮވެމްބަރު 2019 އިން 12 ޑިސެމްބަރު 2019ގެ ނިޔަލަށްކަމަށްވެސް ކެޑޭޓް ކޯ އިން މައުލޫމާތުދެއެވެ.