އިބްރާހިމް ޒަކީ
މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަސައްކަތް ކުރާއިރު، ގަވާއިދުގައި އުނި ކަންތައްތަކެއް އެބަހުރި ކަމަށާއި އެ ކަންތައްތައް ރަނގަޅު ކުރަން ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މިހެން ވިދާޅުވެފައިވަނީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް އައްޔަން ކުރަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ނަންތައް ދިރާސާ ކޮށް، އެ އެކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާއިރު، ރައީސް ފޮނުއްވި ލިސްޓިގެ ތަރުތީބަށް ބަަދަލުގެނަސް އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި ފާހަކަ ކުރެވޭ ބޭފުޅެއް ލިއްޓުގެ ކުރިއަށް ޖައްސާފައިވާ މައްސަލައިގައި ފާޑު ކިޔަމުން ދަނިކޮށެވެ.
ކޮމިޓީން ނިންމި އެ ނިންމުމަށް އިޝާރާތް ކޮށް މިއަދު ކުރެއްވި ޓްވީޓެއްގައި ރޮޒެއިނާ ވިދާޅުވީ، މަޖިލިސް ގަވާއިދު މިހާރު އޮންނަނީ، ކޮމިޓީން ނަންތައް ދިރާސާކޮށް އިންޓަވިއު ކުރުމަށްފަހު ޕޮއިންޓް ދޭގޮތަށްނޫން ކަމަށެވެ.
އަދި ކޮމިޓީން ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވަނީ، ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ނަންތައް ފޮނުވާ ތަރުތީބުން ކޮމިޓީީން ފާސްނުވާ ނަމެއް އުނި ކުރުމަށްފަހު ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.
ކުރިން މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް، އިންޓަވިއުކޮށް އެ ފަރާތްތަކަށް ކޮމިޓީން މާކްސްދޭން ޖެހެއެވެ. އަދި ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮވާއިރު ލިސްޓު ތަރުތީބު ކޮށްފަ އޮންނަނީ، އެންމެ މަތިން މާކްސްލިބޭ ތަރުތީބަށް ބަލައިގެންނެވެ.
"މިހާރު މަޖިލިސް ގަވާއިދު އޮންނަ ގޮތުން ކޮމިޓީން މާކްސް އެއް ނުދޭ، ތަޅުމަށް ފޮނުވަނީ ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ނަންތައް ފޮނުވާ ތަރުތީބުން، ކޮމިޓީީން ފާސްނުވާ ނަމެއް ވިއްޔާ އުނިކޮށްފަ. ގަވާއިދުގައި ހުރި އުނި ކަންކަން ރަނގަޅު ކުރަން ވާނީ އާއްމު ކޮމިޓީއަށް ފޮނުވައިފަ،" ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ މިހެން ވިދާޅުވެފައި ވާއިރު، ބްރޯޑްކޮމް އަށް މެންބަރުން އައްޔަން ކުރަން ރައީސް، މަޖިލީހަށް ފޮނުއްވި ނަންތައް ދިރާސާކޮށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައި ރައީސް ފޮނުއްވި ލިސްޓުގެ ތަރުތީބަށް ބަދަލު ގެނެސް އެ ލިސްޓުގެ ދެވަނައިގައި އެމްޑީޕީގެ އެކްޓިވިސްޓަކު ވަނީ ހިމަނައިފައެވެ.
ރައީސް، މަޖިލީހަށް ފޮނުއްވި 36 ބޭފުޅުންގެ ލިސްޓުގައި އިސްކަން ދެއްވި ތަރުތީބުން އެއްވަނައިގައި އޮތީ ސަންގު ޓީވީގެ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމްގެ ނަމެވެ. ދެވަނައިގައި އޮތީ ބްރޯޑްކާސްޓިން އަދި ދިވެހި ފިލްމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ގ. ޑޭޒީފެހި މުހައްމަދު ހިލްމީގެ ނަމެވެ.
ނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ހިލްމީގެ ނަން އުނިކޮށް، އެ ކޮމިޓީ އަށް ފެންނަ ނަންތަކުގެ ތަރުތީބުގެ ދެވަނައިގައި އެމްޑީޕީގެ އެކްޓިވިސްޓު ގދ. ތިނަދޫ ސަނީޑޭލް، އަހުމަދު ގައިސްގެ ނަން ހިމަނައިފަ އެވެ. ގައިސް އަކީ ތިނަދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވުމުގެ އިތުރުން، އެ ޕާޓީގެ ޓިކެޓްގައި ގދ. އަތޮޅު ކައުންސިލަށް ވެސް އިންތިހާބުވި ބޭފުޅެކެވެ. އޭނާ މިހާތަނަށް މީޑިއާގެ ދާއިރާގައި އުޅުއްވި ކަމެއް އެނގޭކަށްވެސް ނެތެވެ.
ރައީސް އިސްކަން ދެއްވި ލިސްޓުގައި ގައިސްގެ ނަން އޮތީ ތިންވަނައިގަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރަން ކޮމިޓީ އަށް ފެންނަ ދެވަނަ ބޭފުޅަކަށް ގައިސްގެ ނަން ގެނައީ މީޑިއާ ގައި މަސައްކަތް ކުރި ފުންނާބު އުސް ތަޖުރިބާހުރި އެތައް ބައެއްގެ ނަން، ލިސްޓުގައި ހިމެނިފައި ވަނިކޮށެވެ. އަދި ސިޔާސީ ދާއިރާއިން ފާހަގަ ނުކުރެވޭ، ނަމަވެސް މީޑީޔާގައި ދިގު މުއްދަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅުންތަކެއް ލިސްޓުން ވަނީ އުނިވެސް ކޮށްފައެވެ.
ރައީސް ފޮނުއްވި ލިސްޓަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިސްކަން ދިން ތަރުތީބު: