ޚަބަރު

އިދިކޮޅުން މާލޭ ޖަލު ކުރިމަތީގައި އިހުތިޖާޖު ކުރަން ދިއުމުން ފުލުހުން ހުރަސްއަޅައިފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭ ޖަލު ކުރިމަތީގައި އިހުތިޖާޖުކުރަން ދިއުމުން ފުލުހުން ހުރަސްއަޅައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މާލޭ ޖަލު ކުރިމަތީގައި އިހުޖިޖާޖު ކުރުމަށް ދިޔަ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބަންދުގައި ހުންނެވީ މާލޭ ޖަލުގައެވެ.

މާލޭ ޖަލު ކުރިމަތީގައި އިހުތިޖާޖު ކުރުމަށް ޕީޕީއެމް އާއި ޕީއެންސީގެ ބައެއް މެމްބަރުން ދިޔައީ އެ ދެ ޕާޓީން ގުޅިގެން މިރޭ ބޭއްވި ބައްދަލުވުމަށްފަހުއެވެ. އެ ބައްދަލުވުމުގައި ރައީސް ޔާމީން މިނިވަން ކުރަންދެން ހަރަކާތްތައް ކުރިއަށްގެންގޮސް، މަދަނީ ބަސް ނޭހުމަކަށް ދިއުމަށް ގަރާރަކުން ވަނީ ފާސްކޮށްފައެވެ. އެގޮތުން މާލޭ ޖަލު ކުރިމަތީގައި އިހުތިޖާޖު ކުރުން ވެސް އެ ގަރާރުގައި ހިމެނިފައިވާ ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

މާލޭ ޖަލު ސަރަހައްދަށް އެއްވުމަށްފަހު އެއްވުމުގެ ބައިވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވައިފައެވެ. ނަމަވެސް އެ އެއްވުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައެއް ނުވެއެވެ.

އެ ސަރަހައްދަށް އެއްވިތާ މާގިނައިރުތަކެއް ނުވަނީސް، ފުލުހުން ވަނީ ބެރިކޭޑް ޖަހައި އެ ސަރަހައްދު ބަންދުކޮށް، އެއްވުމުގެ ބައިވެރިން ބެރިކޭޑްގެ ފަހަތަށް ޖައްސައިފައެވެ. ފުލުހުން ހުރަސްއެޅުމުން އެއްވުމުގެ ބައިވެރިން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.

އިދިކޮޅުން މިރޭ ފާސްކުރި ގަރާރުގައިވާ ގޮތުން 2023ގެ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް ދޭން ވަނީ ނިންމައިފައެވެ. އޭގެ އިތުރުން އެމަނިކުފާނު މިނިވަން ކުރަންދެން މާލޭގައި އަދި ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ހުއްޓުމެއްނެތި އިދިކޮޅުގެ ހަރަކާތްތައް ކުރިއަށްގެންގޮސް، މަދަނީ ބަސްނޭހުމަކަށް ދިއުން ހިމެނެއެވެ.

އެ ގަރާރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވަނީ ތުހުމަތުތަކެއްކޮށްފައެވެ. ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރުމުގެ ފަހަތުގައި އެންމެ އިސްކޮށް ހުންނެވީ ރައީސް ސޯލިހާއި ރައީސް ނަޝީދުކަން އެ ގަރާރުގައި ތުހުމަތުކޮށްފައިވެއެވެ. އޭގެ އިތުރުން އެ ހުކުމަކީ ފަނޑިޔާރުންނަށް ރިޝްވަތުދީގެން އިއްވާފައިވާ ހުކުމެއް ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ކުށްވެރިކޮށް، އިންސާފުވެރި ޝަރީއަތެއް ހިންގުމަށް މިނިވަން ފަނޑިޔާރުގެއަށް ހޯދައިދިނުމަށް ގޮވާލުމަށް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ހުކުމަކީ ޒާތީ ތައައްސުބުން ކޮށްފައިވާ ހުކުމެއްކަން ވެސް ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.