ރައީސް ޔާމީން

އިދިކޮޅު ކޯލިޝަންގެ ގަރާރަކުން 2023ގެ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް ދޭން ފާސްކޮށްފި

ޕްރޮގްރެސިވް ކޯލިޝަންގެ ގުޅިފައިވާ ގަރާރަކުން 2023ގެ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ދޭން އެ ކޯލިޝަނުން ފާސްކޮށްފިއެވެ.

ޕީޕީއެމް އާއި ޕީއެންސީގެ ކައުންސިލް މެމްބަރުން ގުޅިގެން މިރޭ ބޭއްވި ބައްދަލުވުމުގައި ހުށަހަޅައި ފާސްކުރި ގަރާރުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް ދޭގޮތަށް އޮތް އިރު، މިވަގުތު އެމަނިކުފާނު ހުންނެވީ ފަސް އަހަރުގެ ޖަލު ހުކުމެއްގައެވެ. އެ ހުކުމް ނިމުމަކަށް އަންނާނީ 2024 ގައެވެ. ގާނޫނު ބުނާގޮތުން ޖަލު ހުކުމެއްގައި ހުންނަ މީހަކަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަކަށް ކުރިމައްޗެއް ނުލެވޭނެއެވެ.

މިރޭ އެ ގަރާރު ހުށަހެޅުއްވީ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޚަލީލެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝާދެވެ. އެ ގަރާރު ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި 50 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ގަރާރުގައި ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދިނުމުގެ އިތުރުން އެމަނިކުފާނު މިނިވަން ކުރަންދެން މާލޭގައި އަދި ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ހުއްޓުމެއްނެތި އިދިކޮޅުގެ ހަރަކާތްތައް ކުރިއަށްގެންގޮސް، މަދަނީ ބަސްނޭހުމަކަށް ދިއުން ހިމެނެއެވެ.

އޭގެ އިތުރުން އެ ގަރާރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވަނީ ތުހުމަތުތަކެއްކޮށްފައެވެ. ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރުމުގެ ފަހަތުގައި އެންމެ އިސްކޮށް ހުންނެވީ ރައީސް ސޯލިހާއި ރައީސް ނަޝީދުކަން އެ ގަރާރުގައި ތުހުމަތުކޮށްފައިވެއެވެ. އޭގެ އިތުރުން އެ ހުކުމަކީ ފަނޑިޔާރުންނަށް ރިޝްވަތުދީގެން އިއްވާފައިވާ ހުކުމެއް ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ކުށްވެރިކޮށް، އިންސާފުވެރި ޝަރީއަތެއް ހިންގުމަށް މިނިވަން ފަނޑިޔާރުގެއަށް ހޯދައިދިނުމަށް ގޮވާލުމަށް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ހުކުމަކީ ޒާތީ ތައައްސުބުން ކޮށްފައިވާ ހުކުމެއްކަން ވެސް ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.