ޚަބަރު

އެއްވެސް މަގާމެއް އަބަދަކު ނޯންނާނެ، ހިޔާނާތްތެރިވެފައި އުފަލުގައި ނޫޅެވޭނެކަން ހަނދާންކުރަންޖެހޭ: ނައިބު ރައީސް

އާނިފާ ހުސެއިން ސިރާޖް

އެއްވެސް މަގާމެއްގައި ތާއަބަދު ނުހުރެވޭނެކަން ގަބޫލުކުރަންޖެހޭ ކަމަށާއި މީހަކަށް ހިޔާނާތްތެރިވެފައި ތިމާއަށް އުފަލާއި އަރާމުގައި ނޫޅެވޭނެކަން ގަބޫލުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މިރޭ ދަރުބާރުގޭގައި ބޭއްވި ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

"އެއްވެސް މަގާމެއްގައި ތާއަބަދު ތިމާއާށް ނުހުރެވޭނެކަން ގަބޫލުކޮށް ނުރަނގަޅު އަމަލުތަކުން ދުރުހެލިވާންޖެހޭ. ފަހަރެއްގައިވެސް ހިތަށް އަރުވައިގެން ނުވާނެ މީހަކަށް އަނިޔާއެއް ދީފައި ނުވަތަ ހިޔާނާތްތެރިވެފައި ތިމާއަށް އުފަލާއި، އަރާމާއި، ހިތްހަމަޖެހުމުގައި އުޅެވޭނެ ކަމަށް،" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ މިންވަރުފުޅާއެކު މި ދުނިޔޭގައިވެސް އެކަމެއްގެ ނުރަނގަޅު ނަތީޖާއާ ކުރިމަތިލާންޖެހުމަކީ ދުނިޔެ އަޅުގަނޑުމެންނަށް ދައްކަމުން އަންނަ ހަގީގަތެއް ކަމަށެވެ. އަދި ޔަގީނުންވެސް އާހިރަތުގައި އެކަމުގެ އުގޫބާތާ ކުރިމަތިލާންޖެހޭނެ ކަމަށެވެ.

ކޮންމެ ކަމެއްގެވެސް އެންމެ ރަނގަޅުގޮތް ހިޔާރުކުރަންޖެހޭކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ނުބައި ނުރަނގަޅު ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށާއި އެކަކު އަނެކަކުގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި، މުޅި މުޖުތަމައުގެ އަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމުކޮށް އިޖުތިމާއީ ފޭރާން ވަރުގަދަކުރަންޖެހޭ ކަމަށެވެ.

ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވީ ވަރަށް މަތިވެރި އަމާނާތްތަކެއް ހަވާލުކުރައްވާފައި ކަމަށާއި އެ އަމާނާތްތަކާ މެދު ޖަވާބުދާރީވާންޖެހޭ ދުވަހެއް އެބައޮތްކަން އެންމެ އިރުކޮޅަކުވެސް ހަނދާނުން ކައްސާލައިގެން ނުވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވީ ތިމާއަކީ ކޮންމެ މަގާމެއްގައި ހުރި ކޮންމެފަދަ މައްސޫލިއްޔަތެއް އަދާކުރާ މީހެއް ވިޔަސް އަބަދުވެސް އަޒުމަކަށް ވާންވީ އެކަމެއް ކުރަން އޮންނަ އެންމެ ރަނގަޅަކަށް ކުރުމަށް ކަމަށެވެ.

"އަދި އެކަމެއްގައި އަނެކުންގެ ހައްގެއް އެކުލެވޭނަމަ އެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭ. ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަމާއެކު މައްސޫލިއްޔަތުތައް އަދާކުރުމަށް މަސައްކަތް ކުރަން ޖެހޭ." ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.