ދިވެހިރާއްޖޭގެ ފަސްގަނޑުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ދީނަށް އިހާނެތިކޮށް ހިތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް މި ފަސްގަނޑުން ޖާގަދެވިގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، އިސްލާމްދިނަށް ފުރައްސާރަކުރުމަކީ މި ފަސްގަނޑުގައި ކުރަން ފުރުސަތު ދެވިގެންވާނެ ކަމެއް ނޫން ކަމަށާއި އަދި ހިޔާލުފާޅުކުރުމުގެ ނަމުގައިވެސް އިސްލާމްދީނަށް ފުރައްސާރަކޮށް އިހާނެތިކޮށް ހިތުމަކީ ބަލައިގަންނާނެ ކަމެއް ވެސް ނޫން ކަމަށެވެ.
އިސްލާމްދީން ފަދަ މަތިވެރި ނިއުމަތަކުން މަހުރޫމުވުމަކީ ސަލާމަތް ބުއްދި ހުރި އެކަކުވެސް އެދޭނެ ކަމެއް ނޫން ކަމަށާއި ނަަމަވެސް މި މަތިވެރި ނިއުމަތް ދިވެހީންނާ ވަކިކުރުމަށް ތަފާތު އެތައް މަސައްކަތްތަކެއް އެކި ގޮތްގޮތަށް ކުރަމުންދާކަން ވަރަށް ހިތާމައާއެކު ފާހަގަކުރާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
"އެއްބަޔަކު މަސައްކަތް ކުރަނީ އިސްލާމްދީނާ އެއްވެސް ގުޅުމެއް ނެތް ކަންތައްތަކެއް ދީނުގެ ކަންކަމުގައި ހަދައިގެން މި މަތިވެރި ދީނުގެ ސިފަ ހުތުރުކުރުމަށް. މިއީ އަޅުގަނޑުމެން ވަރަށްބޮޑަށް ސަމާލުވެ ރައްކާތެރިވާންޖެހޭ ކަމެއް،" ނައިބު ރައީސް ވިދާޅުވިއެވެ.
މީހުންނަށް އޯގާތެރިވެ ހަމްދަރުދީވެ، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންގެ ހައްގުތަކާއި ކަރާމާތްތެރިކަމާއި ރައްކާތެރިކަން ރައްކާތެރިކުރުމަށް އިސްލާމްދީނުގައި ބާރުއަޅާފައިވާ މިންވަރަށް އެކަންކަމަށް ބާރުއަޅާ އެހެން އެއްވެސް ދީނެއް އަދި އަގީދާއެއް ނެތްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ އިސްލާމްދީނުގެ ނަމުގައި މީހުން މަރައި، ކުޑަކުދިންގެ އިއްފަތް ފޭރިގަތުމަކީ ދިވެހިންގެ ތެރެއިން ބަޔަކު ކުރާ ކަަމެއް ކަމަށާއި އެކަމަށް ހިތްވަރުދީ އުޅުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.
"ހަމައެހެންމެ، އިސްލާމްދީނުގެ އުސޫލުތައް ގަބޫލުނުކޮށް ދީނަށް ހަޖޫޖަހައި ފުރައްސާރަކުރުމަކީވެސް މި ފަސްގަނޑުގައި ޖާގަދެވިގެންވާނެ ކަންކަމެއް ނޫން. އިސްލާމް ދީނާއި އަގީދާއަށް އިހާނެތިކޮށް ހިތައި ފުރައްސާރަކުރުމަކީ ތަހުޒީބީ މުޖުތަމައެއްގެ ހަމަތަކުން ބެލިޔަސް ހުއްދަކުރެވޭނެ ކަމެއް ނޫން. ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ވިޔަސް ދީނަށް ފުރައްސާރަކުރުމާއި އިހާނެތިކޮށް ހިތުމަކީ ކޮށްގެންވާނެ ކަމެއް ނޫން އަދި މުޖުތަމައު ބަލައިގަންނާނެ ކަމެއްވެސް ނޫން." ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ މިކަންކަމާ ދެކޮޅަށް އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ އިސްލާމް ދީނުގެ ސައްހަ އަގީދާ ދަރިންގެ ހިތްތަކުގައި ބިންވަޅު ނެގުން ކަމަށާއި އިސްލާމީ ރިިވެތި އަހުލާގާއި ސުލޫކުގެ މަތިން ދަރިން ތަރުބިއްޔަތުކުރުން ކަމަށެވެ. އަދި އެންމެހާ އުޅުންތަކާއި ގުޅުންތައް އިސްލާމްދީނުގެ ތެރޭގައި ބައްޓަންކޮށް ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުން ކަމަށެވެ.
އިސްލާމްދީނުގެ ނަމުގައި ދީނާ ނުގުޅޭ ކަަންކަން ފެތުރުމުގެ މައްސަލައަށްވެސް އޮތް ދާއިމީ ހައްލަކީ އެފަދަ މީހުންނަށް ދީނުގެ ކަންކަން ރަނގަޅަށް އޮޅުންފިލުވައިދީ ސައްހަ އަގީދާ އެމީހުންގެ ހިތްތަކުގައި ހަރުލެއްވުން ކަމަށާއި އަދި ދީނަށް ފުރައްސާރަކުރާ މީހުންނާ މެދުވެސް އަޅަން އެންމެ ރަނގަޅު ފިޔަވަޅަކީ އެއީ ކަމުގައި ނައބު ރައީސް ވިދާޅުވިއެވެ. އަދި އެ ދެ މައްސަލަ ކުރިމަތިވަނީ ދީން ރަނގަޅަށް ނޭނގުމުގެ ސަބަބުން ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.