ދީނުގެ ކުރިމަގަށް އޮތް ގޮންޖެހުމަކީ ދީނަށް ފުރައްސާރަކުރުމާއި ރާއްޖޭގައި ހަރުކަށި ފިކުރުގެ އަނދިރި ދައުލަތެއް އޮތުން ކަމަށް ހޯމް މިނިސްޓަރު، ޝެއިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކުރިއަށް އޮތް ޖީލުތަކަށް ދީން ވާސިލުކޮށްދިނުމުގެ ޒިންމާ މިހާރު އޮތީ މި ޖީލުގެ ދިވެހީންގެ އަތުގައި ކަމަށެވެ.
މިއަދު ދީނުގެ ކުރިމަގަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ ދީނަށް ފުރައްސާރަކުރުމުގެ އާދައެއް ކޮންމެވެސް ވަރަކަށް މަދުން ނަމަވެސް ރާއްޖޭގައި މިހާރު އަށަގަނެފައި އޮތުމާއި، ހަރުކަށި ފިކުރުގެ އަނދިރި ދައުލަތެއް ރާއްޖޭގައި މިހާރު އޮތުން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ދީނަށް ފުރައްސާރަކުރުމާއި ހަރުކަށި ފިކުރު ރާއްޖޭގައި އޮތް މައްސަލަ އިލްމުވެރިންނާއި ސަރުކާރާ ގުޅިގެން ހައްލުކުރަންޖެހޭ ކަމަށެވެ. އަދި މިކަމަކީ ސަރުކާރާއި ރައްޔިތުން އެކުގައި ގުޅިގެން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
ރާއްޖެ އިސްލާމްވި ހާދިސާއިން އެނގިގެންދިޔަ އެންމެ މުހިންމު އެއް ކަމަކީ ދީނަށް ގޮވާލައި ދައުވަތު ފެތުރުމަކީ ހާލަތަށް ރިއާޔަތްކޮށް އެ އިރެއްގައި ތިބި ބަޔަކަށް ފަހުމުވާގޮތަށް ކޮންމެހެން ކުރަންޖެހޭ އަމަލީ މަސައްކަތެއް ކަމަށާއި ރާއްޖެ އިސްލާމްވީ ހާދިސާއިން ލިބިގެންދާ އިބުރަތަކީ ދިވެހިންނަކީ ހައްގުގޮތް ފެނުމުން ދެކޮޅުވެރިނުވެ، އެންމެން އެއްބައިވެގެން އެކަން ގަބޫލުކުރާ ބައެއް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއާހިރު މަހުގެ އެއްވަނަ ދުވަހުއެވެ.