މިހާރު ލަންޑަށް ބުރިޖުގައި ހިނގައިގެން އުޅޭ ހަމަލާތަކާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކު އެ ސަރަހައްދަށް ނުދިއުމަށް އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީން އިލްތިމާސްކޮށްފިއެވެ.
އެމްބަސީން މިރޭ ކުރި ޓުވީޓެއްގައި ބުނީ، އެ ސަރަހައްދުގައި ތިބި މީހުން މެދުވެރިކޮށް އެ ހާދިސާ މޮނިޓާ ކުރަމުން އަންނަ ކަމަށާއި މިހާތަނަށް އެ ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.
އެގޮތުން ލަންޑަނުގައި އުޅޭ ދިވެހިން ބުރިޖާ ކައިރި ހިސާބަށް ނުދިއުމަށާއި އަދި އެކަމާ ގުޅޭގޮތުން އެއްވެސް ކަންބޮޑުވުމެއް އޮތްނަމަ އެމްބަސީގެ ނަންބަރު، 07851190546 އަށް ގުޅުމަށް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީން އިލްތިމާސްކުރެއެވެ.
ލަންޑަން ބުރިޖު ސަރަހައްދުގައި ވަޅީގެ ހަމަލާއެއް ރިޕޯޓުކޮށްފައިވަނީ އެ ގައުމުގެ ގަޑިން މިއަދުގެ މެންދުރު 1:58 ހާއިރު ކަމަށް މެޓްރޯޕޮލިޓަން ފުލުހުން މައުލޫމާތުދެއެވެ. އަދި މައުލޫމާތު ލިބުމާއެކު މެޓްރޯޕޮލިޓަން ފުލުހުންގެ އިތުރުން ލަންޑަން ސިޓީ ފުލުހުންގެ އޮފިސަރުންނާއި އެމަޖެންސީ ސާވިސަސް އެ ސަރަހައްދަށް ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ވަޅިން ހަމަލާދިން މީހާގެ ގަޔަށް ބަޑި ޖަހައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށާއި އަދި ގިނަ ބަޔަކަށް މި ހާދިސާގައި އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހާދިސާގެ ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށާއި ނަމަވެސް މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ.
ފުލުހުން ވަނީ އެ ސަރަހައްދަށް އާންމުން ނުދިއުމަށް އިލްތިމާސްކޮށްފައެވެ.
އެ ހާދިސާގެ ގިނަ އަދަދެއްގެ ވީޑިއޯއާއި ފޮޓޯތަށް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ އިރު، މަންޒަރު ފެނުނު ބައެއް މީހުން ބުނާ ގޮތުގައި އެ ސަރަހައްދުން ޖެހިޖެހިގެން ގިނަ އަދަދެއްގެ ބަޑީގެ ހަމަލާގެ އަޑު އިވުނު ކަމަށެވެ.
މި ހަދިސާގެ ނުރައްކާ އަދިވެސް ހަމައަކަށް ނޭޅޭ އިރު، ހަތިޔާރާއެކު ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.