ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފުލުސް އޮފީހަށް ހާޒިރުވުމަށް މިއަދު ޗިޓު ފޮނުވައިފިއެވެ.
އަދުރޭ ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައި މިވަނީ، ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ހުކުމް ކުރި ފަސް ފަނޑިޔާރުންނަށް ނިސްބަތްކޮށް، ހުތުރުބަހެއް ބޭނުންކުރި މައްސަލައިގައެވެ.
ފުލުހުން ބުނީ އަދުރޭ އަށް ޗިޓު ފޮނުވާފައިވަނީ މާދަމާ ރޭގެ 8:00 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި ކަމަށެވެ.
ފަނޑިޔާރުންނަށް ނިސްބަތްކޮށް، އަދުރޭ ހުތުރު ބަހެއް ބޭނުންކޮށްފައިވަނީ ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދަނިކޮށް ކުރިމިނަލް ކޯޓު ސަރަހައްދުގެ ބޭރުގައި އެއްވެ ތިބި މީހުންނާ ވާހަކަދައްކަވަމުންނެވެ. އެ ފަސް ފަނޑިޔާރުން ޖަލަށް ލާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.
އެ އެއްވުމުގައި އަދުރޭ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަބަދު އެ މަގާމުގައި ނުހުރެވޭނެ ކަމަށް ވިދާޅުވެ އެމަނިކުފާނަށް ވެސް އިންޒާރުދެއްވައިފައެވެ. އަދުރޭ ތުހުމަތުކުރައްވާފައިވާ ގޮތުގައި ރައީސް ޔާމީން ޖަލަށް ލާފައިވަނީ އިދިކޮޅު ކޯލިޝަނަށް ސަވާރުވާން ބަޔަކު ބޭނުންވެގެންނެވެ. އެކަމެއް އެގޮތަށް ވިޔަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ހުރީ އިއްޔެއެވެ.
ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރި ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އަލީ ރަޝީދު ހުސައިނާއި އަހްމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސައިން ފާއިޒް ރަޝާދެވެ.