އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ ޖެނެރަލް އެސެމްބްލީގައި ފުރަތަމަ ފަހަރަށް ދިވެހި ބަހުން، ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ތަގުރީރުކުރައްވައިފިއެވެ.
ލަންޑަނުގައި ހުންނަ އައިއެމްއޯގެ ހެޑްކުއާޓާގައި އިއްޔެ ތަގުރީރުކުރައްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި މެރިޓައިމް ދާއިރާއަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ތަރައްގީގެ މިސްރާބު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދާދިފަހުން އިއުލާނުކުރެއްވި 'ސްޓްރެޓިޖިކް އެކްޝަން ޕްލޭން' ގައި ވަރަށް ސާފުކޮށް ބަޔާން ކުރައްވާފައިވޭ. މި ޕްލޭނަކީ ކުރިއަށް އޮތް ފަސް އަހަރަށް ތަރައްގީއަށް އިސްކަންދޭނެ ކަންތައްތަކާއި، އިސްކަންދޭނެ ގޮތުގެ މައި ނާރެސް،" މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މެރިޓައިމް ނުވަތަ ކަނޑު ދަތުރުފަތުރުގެ ދާއިރާއަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާކަން ފާހަގަކުރައްވައި މިނިސްޓަރު ނަހުލާ ވިދާޅުވީ މި ސަރުކާރުން އަމާޒުހިފާފައިވަނީ އެ ދާއިރާއާ ގުޅުންހުރި ގާނޫނީ އޮނިގަނޑުތައް އިތުރަށް ހަރުދަނާ ކުރަން ކަމަށެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ އެ ދާއިރާއާ ގުޅުންހުރި ތަންފީޒީ އޮނިގަނޑުތައް ހަރުދަނާ ކުރުމަކީވެސް ސަރުކާރުން އިންކަންދޭ ކަމެއް ކަމަށާއި އަދި ސަރުކާރުގެ އަމާޒަކީ، ކަނޑު ދަތުރުފަތުރުގެ ދާއިރާގެ ރައކާތެރިކަމާ ގުޅޭ އަދި އެ ދާއިރާގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމާ ގުޅޭ ގަވާއިދުތައް އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ.
އެގޮތުން "މި ދެ ކަންތައްވެސް އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ ރާއްޖެއިން ބައިވެރިވެފައިވާ އައިއެމްއޯގެ މުއާހަދާތަކާއި އެއްބަސްވުންތަކުގައިވާ ގޮތުގެ މަތިން. އަދި އައިއެމްއޯ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް މި ސަރުކާރުން ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދޭ،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ 2020 ވަނަ އަހަރުގެ މެރިޓައިމް ދުވަހުގެ ޝިއާރު ކަމުގައިވާ "ސަސްޓެއިނެބަލް ޝިޕިން ފޯ އަ ސަސްޓެއިނެބަލް ޕްލެނެޓް" މި ޝިއާރުގެ ދަށުން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަކީ މި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ކަންތައް ކަމަށެވެ. އަދި ރައީސް ކުރިން ވިދާޅުވެފައިވާ ފަދައިން ކަނޑުތައް ހިމާޔަތްކޮށް ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިހާރުން މިހާރަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިގުތިސާދި ގޮތުން ކުރިއެރުން ހޯދަންޖެހޭނީ ތިމާވެއްޓާއި ރަހުމަތްތެރި، އަދި ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެ ދެމެހެއްޓެނިވި ގޮތްތައް ބަލައިގެން. އަދި އެފަދަ ގޮތްތައް އެންމެ ފުރިހަމައަށް ދޭހަކުރެވޭނީ ސައިންސްގެ ދާއިރާއިން ދިރާސާކޮށްގެން." މިނިސްޓަރު ވިދާޅުވިއެވެ.