ރައީސް ޔާމީން

ރައީސް ޔާމީން ހުންނެވި މާލޭ ޖަލުގެ ގޮޅީގެ ހާލަތު ވަރަށް ދަށް، ގެއަށް ބަދަލުކޮށްދިނުމަށް އެދެން: ޑރ. ޖަމީލް

2

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބަންދުގައި ހުންނެވި މާލޭ ޖަލުގެ ގޮޅީގެ ހާލަތު ވަރަށް ދަށް ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް އިއްޔެ ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މިހާރު ރައީސް ޔާމީން ހުންނެވީ މާލޭ ޖަލުގައެވެ.

ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށްފަހު "ޗެނަލް 13"އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީނަކީ މީގެ ކުރިން ވެސް އެފަދަ މާހައުލުތަކުގައި ހުންނަވަން ޖެހުމުން ސިއްހީ މައްސަލަތަކަކާ ކުރިމަތިލާން ޖެހިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ.

"ރައީސް ޔާމީނަކީ މީގެ ކުރީގައި ވެސް މިކަހަލަ މާހައުލެއްގައި ބެހެއްޓީމަ، ސިއްހީ ގޮތުން މައްސަލަތަކަކާ ކުރިމަތިލާން ޖެހުނު ބޭފުޅެއް. ދައުލަތާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މީގެ ކުރިން ވަނީ އެކަން ގަބޫލުކޮށްފައި. ވަރަށް ކަންބޮޑުވޭ މިތަނުގައި ރައީސަކު ހުންނަންޖެހޭތީ. މިތަނުގެ ހާލަތު ވަރަށް ދަށް. ނިދާ އެނދަކީ ވެސް ވަރަށް އާދައިގެ އެނދެއް. ހަށިކޮޅު ވެސް ދަމައިނުލެވޭނެ ގޮތަށް ހުރި އެނދެއް. ފާހަނާ ފްލަސްއެއް ވެސް ނުކުރެވޭ. ހޫނު ފެނެއް ވެސް ނެތް،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ވަރަށް ދަތި ހާލަތުގައި ހުރި ތަނަކަށް ވާތީ އެހެން ތަނަކަށް ބަދަލުކޮށްދިނުމަށް އެދޭ ކަމަށާއި ގާނޫނީ ޓީމުގެ ފަރާތުން އެދޭނީ އިސްތިއުނާފުގެ މައްސަލަ ނިމެންދެން ގެއަށް ބަދަލުކޮށްދިނުމަށް ކަމަށެވެ. އަދި ގެއަށް ބަދަލުކޮށްދިނުމަށް ރަސްމީކޮށް ކަމާ ގުޅޭ އިދާރާތަކުގައި އެދޭނެ ކަމަށާއި އިސްތިއުނާފުގެ މައިގަނޑު ނުކުތާތައް ލަސްވެގެން މާދަމާ ހައި ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟