ޚަބަރު

ރާއްޖޭގައި އިންވެސްޓުކުރުމާ ބެހޭގޮތުން ފިންލެންޑުގެ ބިޒްނަސް ކޮމިއުނިޓީއާ މަޝްވަރާކޮށްފި

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގައި އިންވެސްޓް ކުރުމާ ގުޅޭތުން ފިންލެންޑުގެ ބިޒްނަސް ކޮމިއުނިޓީއާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މަޝްވަރާކުރައްވައިފިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވީ މިނިސްޓަރު ޝާހިދު މިހާރު ފިންލެންޑަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު އެ ގައުމުގެ ޗެންބާ އޮފް ކޮމާސް އިން އެކުލަވާލާފައިވާ، ބިޒްނަސް ކޮމިއުނިޓީއާއެކު ރައުންޑު ޓޭބަލް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ވިޔަފާރިތަކަށް ރާއްޖެ އަބަދުވެސް އޮތީ ހުޅުވާލާފައި ކަމަށެވެ. އަދި ރާއްޖެއާއި ފިންލެންޑުގެ ޕްރައިވެޓް ސެކްޓާއާ ދެމެދު ގުޅުން އިތުރުކުރުމުގެ މުހިންމުކަން މިނިސްޓަރު ޝާހިދު ވަނީ ފާހަގަކުރައްވައިފައެވެ.

އެގޮތުން ފިންލެންޑުގެ ކުންފުނިތަކުން އުފައްދާ އާ އުފެއްދުންތަކާއި، ރިނިވަބަލް އެނާޖީ ބޭނުންކޮށްގެން އުފައްދާ ދެމެހެއްޓެނިވި ތަރައްގީގެ ވަސީލަތްތަކަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ވަރަށް މުހިންމު އުފެއްދުންތަކެއް ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުގެ ސްޓޭޓް މިނިސްޓަރު، މި ބައްދަލުވުމުގެ ބައިވެރިންނަށް "އިންވެސްޓިން އިން މޯލްޑިވްސް" ގެ ނަމުގައި ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ ތެރެއިން ފިންލެންޑުގެ ބައެއް ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓުކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޝާހިދު ފިންލެންޑަށް ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހުއެވެ. މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރުގެ އަރިހުގައި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ރާއްޖެއިން ފިންލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފާއި އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ލާދު ހަމީދު އަދި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ޝިއުނީން ރަޝީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.