ޚަބަރު

ފިންލެންޑާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފަށަނީ

އާނިފާ ހުސެއިން ސިރާޖް

ފިންލެންޑާއި ރާއްޖެއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް އެ ގައުމާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތަކާބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ފިންލެންޑަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު ހެނދުނު އެ ގައުމުގެ ފޮރިން މިނިސްޓަރު ޕެއްކާ ހާވިސްޓޯއާ ބައްދަލުކުރެއްވުމަށްފަހުއެވެ.

މި އެއްބަސްވުމުގެ ދަށުން މާލެއާއި ފިންލެންޑުގެ ވެރިރަށް ކަމުގައިވާ، ހެލްސިންކިއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށިގެންދާނެ ކަމަށް ފިންލެންޑުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައުލޫމާތުދެއެވެ.

ފޮރިން މިިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ފިންލެންޑާ ދެމެދު އިންޓަނޭޝަނަލް އަދި ކޮމާޝިއަލް ވައިގެ ދަތުރުތައް ފެށިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި އޭގެ ސަބަބުން ދިވެހިންނާއި ފިންލެންޑުގެ ރައްޔިތުންގެ ގުޅުމުގެ އިތުރުން، ދެގައުމުގެ އިގުތިސާދީ ގުޅުންވެސް ބަދަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިއަދު ފިންލެންޑުގެ ފޮރިން މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު އަދި ފިންލެންޑުގެ ފޮރިން މިނިސްޓަރު ވަނީ ގިނަ ދާއިރާތަކަކުން ދެގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރައްވައިފައެވެ.

މިނިސްޓަރު ޝަހިދު ފިންލެންޑަށް ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހުއެވެ. މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރުގެ އަރިހުގައި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ރާއްޖެއިން ފިންލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފާއި އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ލާދު ހަމީދު އަދި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ޝިއުނީން ރަޝީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.