ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިސްލާމްދީނުގެ ތަސައްވަރު ހުތުރު ކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކާ މެދު ފަރުވާތެރިވާން ޖެހޭ: ރައީސް

1

އިސްލާމްދީނުގެ ތަސައްވަރު ހުތުރު ކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކާ މެދު ފަރުވާތެރިވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިޠާބުގައި ވިދާޅުވީ އިސްލާމްދީނުގެ ތަސައްވަރު ހުތުރު ކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކާ މެދު ފަރުވާތެރިވެ، އެފަދަ ކަންކަމުން ދިވެހި ދަރީން ސަލާތްކުރުމަކީ އެންމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށެވެ.

އެގޮތުން އިސްލާމްދީނާ އެއްވެސް ގުޅުމެއް ނެތް ކަންކަން، އިސްލާމްދީނުގެ ނަމުގައި ފެތުރުން ހުއްޓުވޭނީ، އަދި އިސްލާމް ދީނަށް އިހާނެތިކޮށްހިތުމާއި، ކުޑައިމީސްކުރުމުގެ އެންމެހައި އަމަލުތަކުން ދިވެހި ޅަދަރީން ސަލާމަތް ކުރެވޭނީ ވެސް، ދީނުގެ ސައްހަ އަގީދާ އޮޅުންފިލުވައިދީގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ލިބިފައިވާ ހުރިހާ ނިއުމަތްތަކެއްގެ ތެރެއިންވެސް، އެންމެ މަތިވެރި އަދި އެންމެ އަގުބޮޑު ނިއުމަތަކީ އިސްލާމްދީނުގެ މަތިވެރި ނޫރުން ދިވެހިންގެ ހިތްތައް އުޖާލާކޮށްދިނުން ކަމަށާއި ރާއްޖެ އިސްލާމުވި ދުވަހުގެ ހަނދާންތައް އައުކުރާއިރު އެ މަތިވެރި ނަސީބު އަޅުގަނޑުމެންގެ މެދުގައި ދެމެހެއްޓުމުގެ މުހިންމުކަމާ މެދު ވިސްނަންޖެހޭ ކަމަށެވެ.

އެގޮތުން ދީނީ އަގީދާ، ހިތްތަކުގައި ވަރުގަދަވަނީ ދީނީ ކަންކަމަށް ފަރުވާތެރިވެ، ކުރަން އަންގަވާފައިވާ ކަންކަން އަމަލީ ގޮތުން ކުރުމާއެކު، ދުރުހެލިވުމަށް އަންގަވާފައިވާ އެންމެހައި މުންކަރާތްތަކުން ދުރުހެލިވުމުންކަން ވެސް ހަނދާނުގައި ބަހައްޓަން ޖެހޭކަން ރައީސްގެ ހިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. ވަކިން ހާއްސަ ގޮތެއްގައި، ޒުވާނުންނާއި ޅަދަރިންގެ ހިތްތަކުގައި އިސްލާމްދީނުގެ ސައްހަ އަގީދާ ސާބިތުކުރުމަށް މަސައްކަތް ކުރުމަކީ މައިންބަފައިންނާއި ބެލެނިވެރިން އަދި ތައުލީމީ މުއައްސަސާތަކުގެ ޒިންމާއެއްކަމަށް ދެކި، އެކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ވެސް އެމަނިކުފާނުގެ ހިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟