މެޑިކަލް ޗެކަޕް ހެދުމަށްފަހު ފަސް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަނބުރާ ޖަލަށް ގެންގޮސްފިއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި މެޑިކަލް ޗެކްއަޕް ހެދުމަށް އައިޖީއެމްއެޗްއަށް ރައީސް ޔާމީން ގެންގޮސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މިއަދު ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ހެދި ރައީސް ޔާމީންގެ މެޑިކަލް ޗެކަޕަކީ ޖަލަށް ގެންދާ ކޮންމެ މީހަކާ މެދު ވެސް އާންމުކޮށް ކުރިއަށްގެންދާ މެޑިކަލް ރޫޓިން ޗެކަޕެކެވެ. މެޑިކަލް ޗެކަޕަށްފަހު މިހާރު ރައީސް ޔާމީން ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.
ކުރިމިނަލް ކޯޓުން ކުރި ހުކުމަށްފަހު ރައީސް ޔާމީން މާލޭ ޖަލަށް ގެންދިޔަ ނަމަވެސް، މިހާރު އެމަނިކުފާނު ހުންނެވީ ކޮން ޖަލެއްގައި ކަމެއް ކަށަވަރެއް ނެވެއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ހުކުމްކުރީ އިއްޔެއެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިން ދައުވާގެ މައްސަލަ ބައްލަވަން ކްރިމިނަލް ކޯޓުގެ ބެންޗުގައި ތިއްބެވި ފަސް ފަންޑިޔާރުންގެ އިއްތިފާގުން ރައީސް ޔާމީނަށް އިއްޔެ ހުކުމް ކޮށްފައިވަނީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށެވެ.
އެ މައްސަލަ ބެލުމުގައި ޝަރީއަތަށް ސާބިތުވާ ކަންތައްތައް އިއްވަވަމުން ގާޒީ އަލީ ރަޝީދު ވިދާޅުވީ އެސްއޯއެފްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުން ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އޫއެސް ޑޮލަރުގެ އެކައުންޓަށް ދެފަހަރެއްގެ މަތިން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމާއި، ރައީސް ޔާމީންގެ ފަރާތުން އެފައިސާ އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޖެނެރަލް އިންވެސްޓްމެންޓް ޕްލަސް އެކައުންޓަކަށް ޓްރާންސްފާކޮށް 36 މަސް ދުވަހުގެ މުއްދަތަށް އެ ފައިސާ އިންވެސްޓް ކޮށްފައިވާ ކަމަށެވެ.
އެ ފައިސާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާ މައްސަލައަކާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ފައިސާއަކަށް ވާތީ މައްސަލަ ނިމެންދެން އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް ރައީސް ޔާމީން އެއްބަސްވި ނަމަވެސް އެ ފައިސާ އިންވެސްޓްކޮށްގެން ނަގަމުންދިޔަ މަންފާ ނެގުން ހުއްޓާނުލައި، އެހެން ގޮތަކުން ހޯދި އެއްމިލިޔަން ޑޮލަރު އެސްކްރޯ އެކައުންޓަށް ރައީސް ޔާމީންގެ ފަރާތުން ޖަމާކުރިކަންވެސް ފާހަގަ ކުރައްވާފައިވެއެވެ.
ވަކި ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން އެނގިފައިވުން، ނުވަތަ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭ ވަރުގެ އެކަށީގެންވާ ސަބަބުތަކެއް ހުންނަ ހާލަތުގައި ފައިސާ އަތުގައި ބެހެއްޓުމާއި، އެ ފައިސާ އޮޅުވާލުމާއި، އެ ފައިސާއިން މަންފާ ހޯދުމުގެ އަމަލަކީ މަނީ ލޯންޑަރިންގެ ކުށުގެ އަމަލުކަމް ވާއިރު ރައީސް ޔާމީންގެ ފަރާތުން މި އަމަލު ހިންގާފައިވާކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ކިތާބީ ހެކިތަކުން ސާބިތުވާތީ މަނީ ލޯންޑަރިންގެ އަމަލެއް ހިންގުމުގެ ކުށުން ޔާމީން ކުށްވެރިވެއްޖެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ރައީސް ޔާމީނަށް ކުރި ހުކުމް އިސްތިއުނާފް ކުރުމަށާއި، ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންކުރަން ހުށަހަޅަން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.
ރައީސް ޔަމީންގެ ވަކީލުން ބުނީ އެމަނިކުފާނުގެ މައްޗަށް ކޯޓުން އިއްވި ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.