ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމަށް މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމަށް މިއަދު އައްޔަންކުރެއްވީ ތިލަދުންމަތީ އުތުރުބުރި އިހަވަންދޫ، ވައިޖެހޭގެ ހާމިދު ޝަފީއު ކަމަށެވެ.
ހާމިދު ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަންގައި ކޮމްޕިއުޓާ ސައިންސްގެ ރޮނގުން ބެޗެލާ އޮފް ސައިންސް (އޮނަރސް) ޑިގްރީއެއް ހާސިލުކުރައްވައިފައެވެ. އަދި އޭނާއަކީ ނުޓަނިކްސް ސަޕޯޓް ސްޕެޝަލިސްޓެއްގެ އިތުރުން ސިސްކޯ މެރާކީ ސަޕޯޓް ސްޕެޝަލިސްޓެއް ކަމަށާއި ހާމިދު އެ މަގާމާ ހަވާލުވުމުގެ ކުރިން ހުންނެވީ އިންޓެލެކްސީ ނެޓްވޯކްސްގެ ސީނިއާ އެންޓަޕްރައިޒް ކޮންސަލްޓަންޓެއްގެ މަގާމުގައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން 1998 އާއި 2007 އާދެމެދު ހާމިދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުގައި މެނޭޖާ ޓެކްނިކަލް ސާވިސަސް ޔުނިޓް އަދި ޗީފް ނެޓްވޯކް އެޑްމިނިސްޓްރޭޓަރެއްގެ މަގާމުވެސް އަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.