ރައީސް ޔާމީން

ޖަލު ހުކުމާ ގުޅިގެން ރައީސް ޔާމީނަށް ޕީޕީއެމްގެ ރައީސްކަން ގެއްލިއްޖެ

1

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކުރި ހުކުމާ ގުޅިގެން އެމަނިކުފާނަށް ޕީޕީއެމްގެ ރައީސްކަމުގެ މަގާމު ގެއްލިއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް މިއަދު ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މިހާރު ރައީސް ޔާމީން ހުންނެވީ މާލޭ ޖަލުގައެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ "ޖަލުގައި ބަންދުކުރެވޭ މީހުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން" ބާބުގައި ބަޔާންކޮށްފައިވާ ގޮތުން ސިޔާސީ ޕާޓީއެއްގެ އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށް ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާ ކަމަށެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އެ އިސްލާހު ގެނެސްފައިވަނީ ރައީސް ޔާމީން ވެރިކަމުގައި 2015 ވަނަ އަހަރެވެ. ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރުމުން އެ އިސްލާހު ފާސްކުރުމުން ރައީސް ޔާމީން ވަނީ އެ ބިލު ތަސްދީގުކުރައްވައިފައެވެ. އޭރު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ޖަލު ހުކުމެއްގައެވެ.

ޕީޕީއެމްގެ ރައީސް ކަމަށް ރައީސް ޔާމީން އިންތިހާބުކޮށްފައިވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު، ސެޕްޓެމްބަރު 28ގައި ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާ އިންނެވެ.

ޕީޕީއެމްގެ ރައީސް ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނަވަނިކޮށް، ސިވިލް ކޯޓުން ކުރި ހުކުމެއްގެ ދަށުން 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ޔާމީނާ ވަނީ ޕާޓީގެ ހިންގުން ހަވާލުކޮށްފައެވެ. އޭރު ޔާމީނާ ޕާޓީގެ ހިންގުން ހަވާލުކުރީ އެމަނިކުފާނަކީ ޕާޓީގެ މުސްތަޝާރު ކަމަށްވާތީއެވެ. އަސާސީ ގަވާއިދުގައިވާ ގޮތުން މުސްތަޝާރަކީ ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވެވަޑައިގަންނަވާ ބޭފުޅާއެވެ.

އެއަށްފަހު ޕީޕީއެމްގެ ކައުންސިލްގައި ހިމެނިވަޑައިގެންނެވި މައުމޫނަށް ވަފާތެރި މެމްބަރުން ވަނީ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ކަނޑައަޅައި ޕާޓީން ވަކިކޮށް، ޔާމީނަށް ވަތާތެރި ބޭފުޅުން ވަނީ ކައުންސިލަށް އައްޔަން ކޮށްފައެވެ. އެ މައްސަލަގަނޑުގެ ތެރޭގައި އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއާއެކު ކޯލިޝަން އެއްބަސްވުމެއްގައި ރައީސް މައުމޫން ސޮއިކުރެއްވިއެވެ. އެއީ ޕީޕީއެމްގެ ފިކުރާ ހިލާފު ކަމެއް ކަމަށް ބުނެ، ސުލޫކީ މައްސަލައެއް ބެލުމަށްފަހު 2017ގެ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ މައުމޫން ވަނީ ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިން ދައުވާގެ މައްސަލަ ބައްލަވަން ކްރިމިނަލް ކޯޓުގެ ބެންޗުގައި ތިއްބެވި ފަސް ފަންޑިޔާރުންގެ އިއްތިފާގުން ރައީސް ޔާމީނަށް މިއަދު ހުކުމް ކޮށްފައިވަނީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށެވެ.

މި މައްސަލަ ބެލުމުގައި ޝަރީއަތަށް ސާބިތުވާ ކަންތައްތައް އިއްވަވަމުން ގާޒީ އަލީ ރަޝީދު ވިދާޅުވީ އެސްއޯއެފްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުން ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އޫއެސް ޑޮލަރުގެ އެކައުންޓަށް ދެފަހަރެއްގެ މަތިން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމާއި، ރައީސް ޔާމީންގެ ފަރާތުން އެފައިސާ އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޖެނެރަލް އިންވެސްޓްމެންޓް ޕްލަސް އެކައުންޓަކަށް ޓްރާންސްފާކޮށް 36 މަސް ދުވަހުގެ މުއްދަތަށް އެ ފައިސާ އިންވެސްޓް ކޮށްފައިވާ ކަމަށެވެ.

އެ ފައިސާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާ މައްސަލައަކާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ފައިސާއަކަށް ވާތީ މައްސަލަ ނިމެންދެން އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް ރައީސް ޔާމީން އެއްބަސްވި ނަމަވެސް އެ ފައިސާ އިންވެސްޓްކޮށްގެން ނަގަމުންދިޔަ މަންފާ ނެގުން ހުއްޓާނުލައި، އެހެން ގޮތަކުން ހޯދި އެއްމިލިޔަން ޑޮލަރު އެސްކްރޯ އެކައުންޓަށް ރައީސް ޔާމީންގެ ފަރާތުން ޖަމާކުރިކަންވެސް ފާހަގަ ކުރައްވާފައިވެއެވެ

ވަކި ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން އެނގިފައިވުން، ނުވަތަ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭ ވަރުގެ އެކަށީގެންވާ ސަބަބުތަކެއް ހުންނަ ހާލަތުގައި ފައިސާ އަތުގައި ބެހެއްޓުމާއި، އެ ފައިސާ އޮޅުވާލުމާއި، އެ ފައިސާއިން މަންފާ ހޯދުމުގެ އަމަލަކީ މަނީ ލޯންޑަރިންގެ ކުށުގެ އަމަލުކަމް ވާއިރު ރައީސް ޔާމީންގެ ފަރާތުން މި އަމަލު ހިންގާފައިވާކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ކިތާބީ ހެކިތަކުން ސާބިތުވާތީ މަނީ ލޯންޑަރިންގެ އަމަލެއް ހިންގުމުގެ ކުށުން ޔާމީން ކުށްވެރިވެއްޖެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

ރައީސް ޔާމީނަށް ކުރި ހުކުމް އިސްތިއުނާފް ކުރުމަށާއި، ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންކުރަން ހުށަހަޅަން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.

ރައީސް ޔަމީންގެ ވަކީލުން ބުނީ އެމަނިކުފާނުގެ މައްޗަށް ކޯޓުން އިއްވި ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟