ޚަބަރު

ރައީސް ޔާމީނަށް އިންސާނީ ހައްގުތައް ހޯދުމުގެ ފުރުސަތު ދިނުމަށް އިދިކޮޅުން ގޮވާލައިފި

އާނިފާ ހުސެއިން ސިރާޖް

ގާނޫނުއަސާސީގެ ދަށުން ކޮންމެ ރައްޔިތަކަށް ވެސް ލިިބިދޭ އިންސާނީ ހައްގުތައް ހޯދުމުގެ ފުރުސަތު ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަށް ވެސް ދިނުމަށް އިދިކޮޅުން ސަރުކާރަށް ގޮވާލައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިގޮތަށް ގޮވާލީ، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމް ކުރުމުން ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީނުގެ މައްޗަށް މިއަދު ކުރި ހުކުމަކީ އެމަނިކުފާނުގެ އަސާސީ އިންސާނީ ހައްގުތަކަށް އަރައިގަނެ، އިންސާނީ ހައްގުތަކާ ދެކޮޅަށް ކުރި ހުކުމެއް ކަމަށާއި މިއީ އިދިކޮޅުގެ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކުރި ހުކުމެއް ކަމަށެވެ.

އޭގެ އިތުރުން އެމަނިކުފާނުގެ ޝަރީއަތް ކުޑަތަންވެފައި ވަނިކޮށް އެ މައްސަލަ ބައްލަވަމުން ގެންދެވި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑްކުރި ކަމާއި ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް ކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އެދުނު ކަމަށް ހައިލަމް ވިދާޅުވެފައިވާކަން ވެސް އިދިކޮޅުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ކުރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެގެން މިވަގުތު ހުންނެވި ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅި ނަމަވެސް އެ މައްސަލައަށް ހައްލެއް ހޯދިފައިނުވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ސުޕްރީމު ކޯޓުގެ ތިން ފަނޑިޔާރުން ވެސް މަގާމުން ވަކިކޮށްފައިވާކަން ވެސް ފާހަގަކުރައްވާ އިދިކޮޅުގެ ބަޔާނުގައި އިތުރަށް ބުނީ، އުއްތަމަ ފަނޑިޔާރެއް ނެތި ޖުޑީޝަރީ އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި އެފަދަ ދަނޑިވަޅެއްގައި މިއަދު ރައީސް ޔާމީނުގެ މައްޗަށް ހުކުމެއް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެހެންކަމުން އެމަނިކުފާނުގެ މައްޗަށް ކުރި ދައުވާއަކީ ނުހައްގުން ކުރި ސިޔާސީ ދައުވާއެއް ކަމަށާއި ގާނޫނުއަސާސީގެ ދަށުން ކަށަވަރުކޮށްދޭ އިންސާނީ ހައްގުތަށް ހޯދުމުގެ ފުރުސަތު ރައީސް ޔާމީނަށް ދިނުމަށް ބަޔާނުގައި ވަނީ ގޮވާލައިފައެވެ.