ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ހުކުމް ކުރި ފަސް ފަނޑިޔާރުންނަށް ނިސްބަތްކޮށް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހުތުރު ބަހެއް ބޭނުންކުރި މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް މިއަދު ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މިހާރު ރައީސް ޔާމީން ހުންނެވީ މާލޭ ޖަލުގައެވެ.
ފަސް ފަނޑިޔާރުންނަށް ނިސްބަތްކޮށް، އަދުރޭ ހުތުރު ބަހެއް ބޭނުންކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.
ފަނޑިޔާރުންނަށް ނިސްބަތްކޮށް، އަދުރޭ ހުތުރު ބަހެއް ބޭނުންކޮށްފައިވަނީ ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދަނިކޮށް ކުރިމިނަލް ކޯޓު ސަރަހައްދުގެ ބޭރުގައި އެއްވެ ތިބި މީހުންނާ ވާހަކަދައްކަވަމުންނެވެ. އެ ފަސް ފަނޑިޔާރުން ޖަލަށް ލާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އެ އެއްވުމުގައި އަދުރޭ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަބަދު އެ މަގާމުގައި ނުހުރެވޭނެ ކަމަށް ވިދާޅުވެ އެމަނިކުފާނަށް ވެސް އިންޒާރުދެއްވައިފައެވެ. އަދުރޭ ތުހުމަތުކުރައްވާފައިވާ ގޮތުގައި ރައީސް ޔާމީން ޖަލަށް ލާފައިވަނީ އިދިކޮޅު ކޯލިޝަނަށް ސަވާރުވާން ބަޔަކު ބޭނުންވެގެންނެވެ. އެކަމެއް އެގޮތަށް ވިޔަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރި ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އަލީ ރަޝީދު ހުސައިނާއި އަހްމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސައިން ފާއިޒް ރަޝާދެވެ.