ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ކުރި ހުކުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި އިހުތިޖާޖުކޮށް، މަޖިލިސް ކުރިއަށްގެންދިއުމަށް ފުރުސަތެއް ނުދޭނެ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތު، ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް މިއަދު ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މިހާރު ރައީސް ޔާމީން ހުންނެވީ މާލޭ ޖަލުގައެވެ.
ދާދި ފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން "ޗެނަލް 13"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރީ ކަނޑައެޅިގެން ބާތިލު ހުކުމެއް ކަމަށާއި އެ ހުކުމާ ދެކޮޅަށް އިހުތިޖާޖު ކުރާނެ ކަމަށެވެ.
"ރައީސް ޔާމީނަށް އެ ކުރީ ކަނޑައެޅިގެން ބާތިލް ހުކުމެއް. އަޅުގަނޑުމެން އެ ހުކުމެއް ގަބޫލެއް ނުކުރާނަން. އަޅުގަނޑުމެންނަށް ކުރެވެން އޮތް މިންވަރަކަށް އެ ހުކުމާ ދެކޮޅަށް އިހުތިތާޖު ކުރާނަން. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގައި ވެސް ސާބިތުކަމާއެކީ، ރައްޔިތުންގެ މަޖިލިސް ކުރިއަށްގެންދާކަށް ވެސް ފުރުސަތެއް ނުދޭނަން،" އޭނާ ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރެވިގެންވާނެ ދައުވާއެއް ނޫންކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑު ކުރި ހިސާބުން ކުރަން ބޭނުންވާ ކަންތައްތައް ވަރަށް ސާފުކޮށް އެނގިގެންދިޔަ ކަމަށެވެ. އަދި އެ ހުކުމް ކުރި ފަސް ފަނޑިޔާރުން އަނެއްކާވެސް އެ ނަގާލީ މި ގައުމުގެ އިންސާފު ކަމަށް އޭނާ ވިދާޅުވިއެވެ.
"މިގޮތަށް ދެމިގެންދާނެ ކަމަށް އެއްވެސް ބަޔަކު ހީކޮށްގެން ނުވާނެ. ދިވެހި ރައްޔިތުންގެ ލޯބި ހާސިލުކޮށްފައިވާ އެތައް ތަރައްގީއެއް މި ގައުމަށް ގެނެސްދެއްވާފައިވާ އަދި ބޭރުގެ ފަރާތްތަކަށް ނުގުޑާ ހުރި ހަމައެކަނި ރައީސަކީ ރައީސް ޔާމީން. އެއީ އިސްލާމްދީނާއި މި ގައުމުގެ ވަހުދާނިއްޔަތު ހިފެހެއްޓި ރައީސް. އެ ރައީސްގެ މައްޗަށް ހުކުމްކޮށްފައި، ޖަލަށް ލާފައި، މި ބޭފުޅުން މި ބޭނުންވާ ލާދީނީ އެޖެންޑާއާއި އަދި މީގެ ތެރެއިން ބާރުދޭން ތިބި ހުރިހާ ލީޑަރުން ވެގެން މިކުރާ މަސައްކަތް ދިވެހި ރައްޔިތުން ބަލައި ވިސްނައި ފިކުރު ހިންގަން ވެއްޖެ،" އޭނާ ވިދާޅުވިއެވެ.
ހުސައިން އިތުރަށް ވިދާޅުވީ ދިވެހި ހުރިހާ ރައްޔިތުން ޕީޕީއެމްގެ ފިކުރުގައި މަސައްކަތްކޮށްދިނުމަށް އެދޭ ކަމަށެވެ.