ޚަބަރު

ޣަނީ ސުޕްރީމް ކޯޓުުން ވަކިކުރަން ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް

އިބްރާހިމް ޒަކީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ނިންމައި އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ.

ޣަނީ ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ އިއްޔެ އެވެ.

ޖުޑިޝަރީ ކޮމިޓީން މިއަދު އެ މައްސަލަ ބެލުމަށްފަހު، ޖޭއެސްސީން އިޖުރާއަތް ތައް ކުރިއަށް ގެންގޮސްފައި ވަނީ ރަނގަޅަށްކަމަށް ނިންމައި ޣަނީ ވަކިކުރަން ކޮމިޓީގެ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސް ކޮށްފައެވެ.

ފަނޑިޔާރު ޣަނީ ވަކި ކުރަން ނިންމައި، 60 ދުވަހަށް އޭނާ ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ.

ޖޭއެސްސީއިން ފަނޑިޔާރު ޣަނީ ވަކިކުރަން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނިންމުންތަކެއް ނިންމާފައިވާއިރު އެ ނިންމުންތަކުގައި ޣަނީ ބައިވެރިވެ ވަޑައިގެންފައިވާ ކަމަށްބުނެއެވެ. ޖޭއެސްސީން ވަނީ އެމައްސަލަ ބަލައިފައެވެ.

ފަނޑިޔާރު ޣަނީ މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމާފައިވާއިރު ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކިކޮށްފައެވެ. އަދި އޭގެ ކުރިން އޮގަސްޓް 28ގައި އެ ކޯޓުގެ ފަނޑިޔާރުކަމުން އަބްދުﷲ ދީދީ ވެސް ވަނީ ވަކިކޮށްފައެވެ.