ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޅ. އޮޅުވެލިފުށީ ކައުންސިލަރުންނާއި ބައްދަލުކުރައްވައި، ރަށުގެ ތަރައްގީއަށް ރޭވިފައިވާ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސް އޮފީހުން ބުނީ މިބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އޮޅުވެލިފުށީގެ ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ މުހިއްމު މައްސަލަތަކުގެ އިތުރުން ރަށުގެ ތަރައްގީއަށާއި ރަށުގައި ދިރިއުޅޭ އާބާދީގެ ތަރައްގީއާއި އާއްމު ހާލަތު ރަނގަޅުކުރުމަށް ކުރިޔަށް ރާއްވަވާފައިވާ މަޝްރޫއުތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު، ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައި ކަމަށެވެ.
އެގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ބައެއް މުހިންމު ކަންތައްތަކުގެ ތެރޭގައި، ރަށުގެ ބަނދަރު ބޭނުންކުރުމުގައި ކުރިމަތިވެފައިވާ ދަތިތަކުގެ އިތުރުން، ކައިރި ރިސޯޓުތަކުން ސިއްހީ ހިދުމަތަށް އެރަށަށް އަންނަ ފަރާތްތަކުގެ އިތުރުން ރަށުގައި ދިރިއުޅޭ އާބާދީއަށް އެރަށު ސިއްހީ މަރުކަޒުން ދެމުންގެންދާ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންޖެހިފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
އޭގެ އިތުރުން، ރަށަށް ފޯރުކޮށްދެމުން އަންނަ ކަރަންޓުގެ ހިދުމަތުގެ އިތުރުން އޮޅުވެލިފުށީ ސްކޫލްގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ކައުންސިލުން ހިއްސާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރަށުގެ ލޭންޑު ޔޫސް ޕްލޭނަށް ގެނެސްފައިވާ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވަމުން، ޒުވާނުންނާއި ކުޅިވަރުގެ ކުރިއެރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ކައުންސިލަރުންގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތަކާއެކު، ކައުންސިލްތަކަށް ގިނަ ބާރުތަކަކާއި ޒިންމާތަކެއް ހަވާލުކުރެވިގެންދާނެކަން ފާހަގަކުރައްވައި ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށްގެންދިއުމުގައި ކައުންސިލްތަކުން ޒިންމާދާރުކަމާއެކު މަސައްކަތް ކުރައްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އޮޅުވެލިފުށީ ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން ބައެއް މަޝްރޫއުތަކާބެހޭ އެންމެފަހުގެ މައުލޫމާތު ކައުންސިލަރުންނާ ހިއްސާކުރައްވާފައެވެ. އަދި ކައުންސިލުން ކަންބޮޑުވުން ފާޅުކުރެއްވި މައްސަލަތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.