އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަގާމަށް ބޭފުޅުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މަޝްވަރާއަށް ތިން ބޭފުޅެއްގެ ނަން ފޮނުވައިފިއެވެ.
އުއްތަމަ ފަނޑިޔާރުކަމަށް ރައީސް ފޮނުއްވީ މ. ގުލްފާމްގެ، އަހްމަދު މުއުތަސިމް އަދުނާންގެ ނަމެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަގާމަށް ރައީސް ފޮނުއްވާފައިވަނީ ސ. މީދޫ، ހަސަންކާރިގެ ހުސްނުއްސުއޫދާއި މ. ވޭސައިޑް އަބްދުއްރައޫފް އިބްރާހީމްގެ ނަމެވެ.
މުއުތަސިމްއަކީ މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. 2010 ވަނަ އަހަރު އެ މަގާމަށް އައްޔަންކުރުމަށްފަހު، މުއުތަސިމް މަގާމުން ވަކިކުރީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭރު މުއުތަސިމްއާއެކު އޭރު އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި އަހްމަދު ފާއިޒް ހުސައިން ވެސް މަގާމުން ދުރުކުރިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަނައިބު ކަމުގެ މަގާމަށް އައްޔަންކުރެއްވި ސުއޫދު މިހާރު ހުންނެވީ ރައީސް ސޯލިހު އުފެއްދެވި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައެވެ. އަދި ރައޫފަކީ ފަނޑިޔާރުންގެ ތެރެއިން 2017 ވަނަ އަހަރު ޖޭއެސްސީއަށް އައްޔަންކުރެއްވި ހައި ކޯޓުގެ ފަނޑިޔާރެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނޭ ހަތް ފަނޑިޔާރުންގެ ތެރެއިން މިހާރު ތިއްބެވީ ހަތަރު ފަނޑިޔާރުންނެވެ. އޭގެ ތެރެއިން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ސަސްޕެންޑްކޮށް، އޭނާ މަގާމުން ދުރުކުރުމަށް ޖޭއެސްސީން ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. ސުޕްރީމް ކޯޓުގައި ދެން ހިމެނޭ ތިން ފަނޑިޔާރުންނަކީ މި ސަރުކާރު އައުމަށްފަހު އައްޔަންކުރި ތިން ފަނޑިޔާރުންނެވެ. އެއީ ޑރ. އަޒްމިރާލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދު އަދި މަހާޒް އަލީ ޒާހިރެވެ. އެހެންކަމުން ޣަނީ މަގާމުން ދުރުކުރުމުން މިދިޔަ ސަރުކާރުން އައްޔަންކުރި ހުރިހާ ފަނޑިޔާރުން މަގާމުތަކުން ދުރުކުރެވުނީއެވެ.
ކުރިން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހްމަދު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ ދީދީ ވެސް ވަނީ މަގާމުން ދުރުކޮށްފައެވެ. އޭގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ޑރ. އަހްމަދު އަބްދުﷲ ސައީދާއި އާދަމް މުހައްމަދު އަބްދުﷲ މަގާމުން ދުރުކުރީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އަދި އަބްދުﷲ ދީދީ މަގާމުން ދުރުކުރީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ފަނޑިޔާރު އަބްދުﷲ އަރީފް ވަނީ ރިޓަޔާވެފައެވެ. މިމަހުގެ 20 ވަނަ ދުވަހު އޭނާ ރިޓަޔާވުމަށް ޖޭއެސްސީއަށް ހުށަހެޅީ ސިއްހީ ހާލަތު ހުރިގޮތުން ކަމަށް ވިދާޅުވެއެވެ.