ރައީސް ޔާމީން

ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަންކުރަން ހުށަހަޅަނީ

އިބްރާހިމް ޒަކީ

5

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ފަސް އަހަރު ދުވަހުގެ ހުކުމެއް އިއްވާފައިވާއިރު، ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންކުރަން ހުށަހަޅަން ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފިއެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް މިއަދު ވަނީ ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

މިއަދުގެ ޝަރީއަތާބެހޭ ގޮތުން މީޑިއާއަކަށް މައުލުމާތު ދެއްވަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީޅުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު އަހްމަދު އާސިފް ވިދާޅުވީ ރައީސް ޔާމީނަށް އިއްވި ހުކުމަކީ އިންސާފުވެރި ހުކުމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެހެންކަމުން އޭނާ ވިދާޅުވީ އެ މައްސަލަ ވީހާ އަވަހަކަަށް އިސްތިއުނާފަށް ހުށަހަޅައި ބެއިލް ނުވަތަ ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަންކުރަން ހުށަހަޅުއްވާނެ ކަމަށެވެ.

އާސިފް ވިދާޅުވި ގޮތުގައި ބެއިލްގެ ފުރުސަތަކީ ހަމައެކަނި ތުހުމަތު ކުރެވޭ ފަރާތްތަކަށް ތަހުގީގު މަރުހަލާގައި އޮންނަ ފުރުސަތެއް ކަމަށް ދޭހަވާ ގޮތަށް ޝަރީއަތުގައި ވާހަކަ ދެއްކި ނަމަވެސް، ތަހުޒީބު މުޖުތަމައުތަކުގައި އެކަން އޮންނަނީ އެހެން ނޫން ކަމަށެވެ. އަދި އެ މައްސަލައަކީ ބެއިލް ނުލިބޭނެ މައްސަލައެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.

ބެއިލް ނުލިބޭ ކުށްތައް ގާނޫނުގައި ކަނޑައަޅާފައި އެބަހުރިކަން ފާހަގަ ކުރައްވައި އާސިމް ވިދާޅުވީ ރައީސް ޔާމިންގެ މައްޗަށް ހުކުމް ކޮށްފައިވަނީ ނުރައްކާތެރި ނުވަތަ ސީިއަސް ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއްނޫން ކަމަށާއި އެއީ ބެއިލް ލިބޭ ބާވަތުގެ ކުށެއް ކަމަށެވެ.

އާސިފް ވިދާޅުވީ ވަރަށް އަވަހަށް ބެއިލްގެ މައްސަލަ ވައްދާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟