މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ މުޝީރުންގެ ގޮތުގައި ހަތަރު ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޔަންކުރައްވައިފިއެވެ.
މި ހަތަރު ބޭފުޅުންގެ މަގާމު ހަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މުޝީރުންގެ ގޮތުގައި މިއަދު އައްޔަންކުރެއްވި ބޭފުޅުން:
1- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެވެރިޔާ ނަސީމާ މުހައްމަދުކަލޭފާނު، ހ. މާގިރި
2- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެވެރިޔާ އައްބާސް އިބްރާހީމް، މ. ސިލްވަރކްލައުޑް
3- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެވެރިޔާ އަބްދުﷲ ސާދިގު، ހ. އާމުލީގެ
4- އަލްފާޟިލް މުހައްމަދު ވަހީދު، މ. މަޑުލު
މިއަދުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބޭފުޅުންނާއި ބައްދަލުކުރައްވައި ރާއްޖޭގެ ތާރީހާއި ސަގާފަތް ދިރުވާއާލާކުރުމުގެ މަސައްކަތުގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދުގެ އިތުރުން، މިއަދު އައްޔަންކުރި މުޝީރުންނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ ބޭނުންހިތްޕަވައި، ދިވެހީންގެ ތަރިކަ އަންނަން އޮތްޖީލުތަކަށް ފެންނާނެ ފަދައިން ރައްކާތެރިކުރެއްވުމަށް މުހިއްމު މަސައްކަތްތަކެއް ކޮށްދެވާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.
މުޝީރުންގެ ގޮތުގައި އައްޔަންކުރި ބޭފުޅުން ވަނީ ދިވެހި ތާރީހާއި ސަގާފަތް ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަގުގައި މިއަދު އެ ދެއްވި ފުރުސަތަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ މަސައްކަތް ކުރިޔަށް ގެންދިއުމަށްޓަކައި އެބޭފުޅުންގެ ހުރި ވިސްނުންފުޅު ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ލަޔާގަތާއި ގާބިލުކަންހުރި މިންވަރަކުން ރާއްޖޭގެ ތާރީހާއި ސަގާފަތް ދިރުވާއާލާކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވެސް މިހަތަރު ބޭފުޅުން ވަނީ ވިދާޅުވެފައެވެ.