ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުކުރުމަށް ސަރުކާރުން ފެއިލްވެފައިވާކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މައްޗަށް މިއަދު ވަނީ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ހުކުމް ކޮށްފައެވެ. ދައުލަތަކަށް ރައީސް ޔާމީން މައްޗަށް އުފުލި ދައުވާ ސާބިތުކޮށް ނުދެވުނު ކަމަށް ޑރ.ޖަމީލު ވިދާޅުވެފައިވަނީ ދައުވާއާއި ގުޅިގެން މިއަދު ޖަމީލް ކުރެއްވި ޓްވީޓެއްގައެވެ.
ޓުވީޓުގައި ޑރ.ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާ، ދައުލަތަށް ޤާނޫނުގައި ބުނާ މިންގަޑަށް އެ ދައުވާ ސާބިތު ނުކުރެވޭ ކަމަށެވެ. އަދި ހުކުމް ކުރި ފަނޑިޔާރުން އައްޔަން ކުރެއްވީ ހަމަ އެކަނި ހުކުމް ކުރަން ކަމަށާއި އެއީ ސައްހަ ޝަރީޢަތެއް ނޫންކަން ޑރ. ޖަމީލު ޓްވީޓްގައި ވަނީ ފާހަގަ ކޮށްފައެވެ.
މީގެ އިތުރުން ޑރ.ޖަމީލު ވިދާޅުވީ، ޝަރުއީ ނިޒާމް ބޭނުންކޮށްގެން ސިޔާސީ ގޮތުން ވަކި ކަމެއް ހާސިލު ކުރަން ބޭނުންވާ ޖުޑިޝަލް ސާވިސް ކޮމިޝަން ފަދަ މުއައްސަސާތަކުން ކޯޓުތައް މިނިވަން ކުރަން ޖެހޭކަމަށެވެ.
މިއަދު ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖުރިމަނާ ކުރުމަށް ކޯޓުންވަނީ ހުކުމްކޮށްފައެވެ. ރައީސް ޔާމީންގެ މައްސަލަ މިހާރު ބައްލަވަމުން ގެންދަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އަލީ ރަޝީދާއި ގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސެއިން ފާއިޒް ރަޝާދެވެ.
އަދި މިމައްސަލަ ކުރިން ބެއްލެވި ޤާޒީ ނެރުއްވި ބަޔާނަކާ ގުޅިގެން ޤާޒީ ޢަލީ ރަޝީދު ރާއްޖެ ޓީވީއާ ވާހަކަދެއްކެވި ހިސާބުން އެމަނިކުފާނާ މެދު އިދިކޮޅު ފަރާތްތަކުން ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވެއެވެ. ނަމަވެސް އެމައްސަލަ ޖޭއެސްސީއިން ބަލާފައިނުވެއެވެ.