ރައީސް ޔާމީން

ރައީސް ޔާމީން މާލޭ ޖަލަށް ގެންގޮސްފި

އިބްރާހިމް ޒަކީ

ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރު ދުވަހަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން މާލޭ ޖަލަށް އެމަނިކުފާނު ދެންމެ ޖަލަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީިޑިއާ ކޯޑިނޭޓަރު އަަހުމަދު ނަސީމު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ޔާމީން މިހާރު ހުންނެވީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި މާލެ ޖަލުގައި ކަމަށެވެ.

އަދި ފުރިހަމަ ކުރަންޖެހޭ ޕްރޮސިޖާތައް ފުރިހަމަ ކުރުމަށްފަހު ރައީސް ޔާނީން ގެންދަވާނެ ޖަލެއް ނިންމާނެ ކަމަށްވެސް ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް 5 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.

މި މައްސަލަ ބައްލަވަން ކްރިމިނަލް ކޯޓުގެ ބެންޗުގައި ތިއްބެވި ފަސް ފަންޑިޔާރުންގެ އިއްތިފާގުން ރައީސް ޔާމީނަށް ހުކުމް ކޮށްފައި ވަނީ މަލީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އަހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިޔަން ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށެވެ.

ރައީސް ޔާމީނަށް ކުރި ހުކުމް އިސްތިއުނާފް ކުރުމަށާއި، ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންކުރަން ހުށަހަޅަން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.

ރައީސް ޔަމީންގެ ވަކީލުން ބުނީ އެމަނިކުފާނުގެ މައްޗަށް ކޯޓުން އިއްވި ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.