މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމް އިސްތިއުނާފް ކުރަން ނިންމަވައިފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ އަލީ ޝާހު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުން އިސް ތިއުނާފް ކުރަންޖެހޭ ކޮންމެ ތަނެއްގައި އިސްތިއުނާފް ކޮށްގެން ރައީސް ޔާމީނަށް އިންސާފު ހޯދައި ދިނުމަށް ގާނޫނީ ވަކީލުންގެ ޓީމުން ނިންމާފައިވާ ކަމަށެވެ.
ޝާހު ވިދާޅުވީ ރައީސް ޔާމީނަށް މިއަދު އިއްވި ހުކުމުގައި ގާނޫނީ ގޮތުންނާއި ޝަރުއީ ގޮތުން ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އަދި އެ ހުކުމަށް ވާސިލްވުމުގަިއ ގާޒީ ފާހަގަ ކުރެއްވި ކަންތައްތަކަކީ ދައުވާ ކުރާ ފަރާތްކަމުގައިވާ ދައުލަތުންވެސް މިހާތަނަށް ފާހަގަ ކުރި ކަންތައްތަކެއް ނޫން ކަމަށާއި އެއީ ޝަރީއަތުގެ މަޖިލީހުގައިވެސް ބަހުސް ކުރެވުނު ކަންތައްތަކެއްވެސްނޫން ކަމަށެވެ.
އެހެންކަމުން ޝާހު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ޝާހު ވިދާޅުވީ އެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ވަކީލުން ހުށަހެޅި ހުށަހެޅުންތަކަށް ރިއާޔަތް ކޮށްފައިނުވާ ކަމަށެވެ.