ޚަބަރު

ކުރިއަށް އޮތީ ބަންދު ދުވަސްތަކަކަށްވާތީ ޔާމީނަށް އަދަބު ކަނޑައެޅުން ފަސްކުރަން ވަކީލުން އެދިއްޖެ

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް، ދައުލަތުން ކުރާ ދައުވާ ސާބިތުވި ކަމަށް ނިންމި ނަމަވެސް އަދަބު ކަނޑައެޅުން ފަސްކުރަން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ވަކީލުން އެދެފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުން އިއްވުމަށް ކްރިމިިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝާރީއަތުގެ މަޖިލީހުގައި އެ މައްސަލައިގައި ޝަރީއަތަށް ފާހަގަ ކުރެވުނު ކަންތައް ގާޒީ އަލީ ރަޝީދު އިއްވުމަށްފަހު، އެ ކަންތައްތަކަށް ބަލައި ރައީސް ޔާމީންގެ މައްޗަށް މައްސަލަ ސާބިތުވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އިތުރަށް ވާހަކަ ދެއްކުމަށް ދައުވާ ކުރަމުންދާ ސީނިއާ ޕްރޮސިކިއުޓާ އާއި ދައުވާ ލިބޭ ފަރާތްކަމުގައިވާ ރައީސް ޔާމީން އަށް ފުރުސަތު ދެއްވިއެވެ.

މައްސަލައާ ބެހޭގޮތުން ރައީސް ޔާމީންގެ ވަކީލު އަލީ ޝާހު ވިދާޅުވީ ރައީސް ޔަމީނަކީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަން ކުރައްވާފައި ހުންނެވި ފަރާތެއް ކަމަށާއި އެއީ މިހާރުވެސް ގައުމަށް ހިދުމަތް ކުރައްވަމުން ގެންދަވާ ފަރާތެއް ކަމަށެވެ. އެއީ އެތައް ބަޔަކު ތާއީދު ކުރާ އިހުތިރާމް ކުރާ ފަރާތެއް ކަމަށާއި އެއީ ޕަބްލިކް ފިގާއެއް ކަމަށްވެސް ޝާހު ވިދާޅުވިއެވެ.

އެހެންކަމުން ޝާހު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކަކީ ބަންދު ދުވަސް ތަކެއްކަމުން މިއަދު ރައީސް ޔާމީނަށް ހުކުމް އިއްވައިފިނަމަ ކަފާލާތާއި އިސްތިއުނާފުގެ މަރުހަލާ ކުރިއަށް ނުގެންދެވި ރައީސް ޔާމީން ޖަލަށްދާން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ޔާމީނަށް އަދަބު ކަނޑައެޅުން އެހެން ދުވަހަކަށް ފަސް ކުރުމަށް ވަކީކު އެދި ވަދައިގެންނެވިއެވެ.

ނަމަވެސް މިކަމަށް އެއްޗެއް ވިދާޅުނުގެ ގާޒީ އަލީ ރަޝީދު ހުކުމްގެ އަދަބު ކަނޑައެޅުމަށް އެހެން ގާޒީންނާ މަޝްވަރާ ކުރުމަށް ޝަރީއަތުގެ މަޖިލިސް މެދު ކަނޑުއްވައިލެއްވިއެވެ. އަދި ފަހުން ޝަރީއަތް ފެއްޓެވުމަށްފަހު އަދަބު ފަސް ކުރެވެން ނެތްކަމަށް ވިދާޅުވެ ރައީސް ޔާމީނަށް ހުކުމް އިއްވެވިއެވެ.