ޚަބަރު

ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ސުންގަޑި އިތުރު ކޮށްފި

މަރިޔަމް ޝަހުދާ

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ ތިން މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލާފައިވާއިރު، އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި މިއަދު 16:00 އަށް އިތުރު ކޮށްފިއެވެ.

ކުރިން ޖޭއެސްސީ އިން އާންމު ކުރި ގޮތުގައި މި މަގާމަށް ކުރިމަތިލުމަށް ސުންގަޑި ހަމަވާން ހަމަޖައްސާފައިވަނީ މިއަދު މެންދުރު 12:00 އަށެވެ. ނަމަވެސް އެގަޑި މިއަދު 16:00 އަށް އިތުރުކޮށް މިއަދު ވަނީ އިއުލާނެއް ނެރެފައެވެ.

ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތެއްގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޝަރުތުތައް މި މަގާމަށް ކުރިމަތި ލުމަށް މި މަހު 21 ގައި އިއުލާނު ކުރި އިރު ޖޭއެސްސީ އިން އާންމުކޮށްފައި ވެއެވެ. އެއީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ އޮތުމާއި ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވުމެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އެކޯޓު ހިންގެވުމާ މިވަގުތު ހަވާލުވެގެން ހުންނެވި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.

މި ބޭފުޅުންގެ ތެރެއިން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކި ކުރުމާއި ގުޅިގެން ވަކި ގޮތެއް ނިންމުމަށް ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.