ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން ކުރާ މަނީލޯންޑާ ކުރުމުގެ ދައުވާގައި ހުކުމް އިއްވަން ހަމަޖެހިފައިވާ ޝަރީއަތުުގެ މަޖިލިސް ހަމަ ދެންމެ ފަށައިފިއެވެ.
މިއަދު 1:30 ގައި ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި އޮތް ނަމަވެސް ޝަރީއަތް ފަށާފައި މިވަނީ ވިއްސަކަށް މިނިިޓް ލަހުންނެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގައި އެމަނިކުފާނު ހުޅުއްވެވި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށް އޭގެ އަސްލު އޮޅުވައިލި މައްސަލައިގައެވެ.
މިއަދުގެ ޝަަރީއަތުގެ މަޖިލީހުގައި ފުރަތަމަ އޮންނާނީ މައްސަލައިގައި، ޝަރީއަތަށް ފާހަގަ ކުރެވުނު ކަންކަން ޝަރީއަތުގެ މަޖިލީހަށް އިއްވުމެވެ. އޭގެ ފަހުން ދައުވާ ކުރާ ފަރާތަށާއި ދައުވާ ލިބޭ ފަރާތަށް ވާހަކަ ދެއްކުމަށް ޣާޒީ ފުރުސަތު ދެއްވާނެ އެވެ.
އެއަށްފަހު ހުކުމްގެ އަދަބު ކަނޑައެޅުމާމެދު ގާޒީންގެ މެދުގައި މަޝްވަރާ ކުރުމަށް ކުޑަ ވަގުތު ކޮޅަކަށް ޝަރީއަތުގެ މަޖިލިސް މެދު ކަނޑައިލައްވާނެ އެވެ.
ހުކުމްގެ އަދަބު ކަނޑައަޅައި ހުކުން އިއްވާނީ އެއަށްފަހު ބާއްވާ މިއަދުގެ ޝަރީއަރުގެ މަޖިލީހުގެ ދެވަނަ ބައިގައެވެ.