ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް އިއްވުން ފަސްކޮށްދިނުމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ކުރިމިނަލް ކޯޓުގައި އެދިފައިވީނަމަވެސް އެ ޝަރީއަތް ފަސްނުކުރަން ކްރިނިމަލް ކޯޓުން ނިންމައިފިއެވެ.
ރައީސް ޔާމީނަށް ހުކުމް އިއްވުން މިއަދު 1:30 އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނިކޮށް، އެކަން ފަސް ކޮށްދިނުމަށް ޔާމީންގެ ވަކީލުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ.
ވަކޫލުންގެ ޓީމުން ބުނީ މައްސަލަ ފަސް ކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިހާރު ޖަވާބު ދީފައިވާ ކަމަށެވެ.
ހުކުމް އިއްވުން ފަސްކޮށްދިނުމަށް އެދި ހުށަހެޅީ ޝަރީއަތުގައި އިޖުރާއީ މައްސަލަތަކެއް ހުރުމް ކަމަށް ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.
އެ މައްސަލައިގަ ރައީސް ޔާމީންގެ ވަކީލުން ވަނީ ކްރިމިނަލް ކޯޓުގެ އިތުރުން ސުޕްރީމް ކޯޓަށްވެސް މައްސަލައެއް ހުށަހަޅައިފައެވެ.
ސުޕްރީމްކޯޓުންވެސް ވަނީ އެ މައްސަަލަ ބަލަިއ ނުގެންފައެވެ.
ސުޕްރީމް ކޯޓުން ވަކީލުންނަށް ޖަވާބު ދީފައިވަނީ ފަނޑިޔާރާ ގުޅޭ ސުލޫކީ މައްސަލައެއް އޮތްނަމަ، ފަނޑިޔާރުންނާ ގުޅޭ ކަންކަން ބަލާ އިދާރާއަކަށް ހުށަހެޅިދާނެ ކަމަށެވެ. އަދި މައްސަލައިގެ ހުކުމަށް ސީދާ އަސަރުކުރާނެ ކަމަށް ގަބޫލުކުރެވޭ ކަންކަން ހުރި ނަމަ ކޯޓުތަކާ ބެހޭ ގާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެފަދަ ކަންކަން ފާހަގަކުރައްވައި އިސްތިއުނާފް ކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގައި އެމަނިކުފާނު ހުޅުއްވެވި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށް އޭގެ އަސްލު އޮޅުވައިލި މައްސަލައިގައެވެ.