ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް އިއްވުން ފަސްކޮށްދިނުމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ކުރިމިނަލް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.
ހުކުމް އިއްވުން ފަސްކޮށްދިނުމަށް ވަކީލުންގެ ޓީމުން އެދިފައި މިވަނީ، ހުކުމް އިއްވުމުގެ ޝަރީއަތް މިއަދު މެންދުރު 1:30 އަށް ތާވަލް ކޮށްފައި ވަނިކޮށެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބުނީ ޝަރީއަތް ފަސްކޮށްދިނުމަށް އެދުނީ، އިޖުރާއީ މައްސަލަތަކެއް ހުރުމުން ކްރިމިނަލް ކޯޓުގެ އިތުރުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ތީކަމަށެވެ.
ނަމަވެސް ހުކުމް އިއްވުން ފަސްކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމަށް ކްރިމިނަލް ކޯޓުން ވަކި ޖަވާބެއް އަދި ނުދޭ ކަމަށް ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.
ރައީށް ޔާމީންގެ މައްސަލަ ކުރިން ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް، ސަސްޕެންޑް އެ މައްސަލަ ބެއްލެވުމަށް ގާޒީ އަލީ ރަޝީދާ ހަވާލުކުރި ހިސާމުން ރައީސް ޔާމީންގެ ވަކީލުން އަންނަނީ މައްސަލަ ޖައްސަމުންނެވެ.
ވަކީލުން ތަކުރާރުކޮށް ވިދާާޅުވަމުން އަންނަނީ އަލީ ރަޝީދަކީ ރައީސް ޔާމީނާ ޒާތީ މައްސަލަތަކެއް އޮންނަ ބޭފުޅެއް ކަމަށާއި އޭނާއަކީ ސުލޫކީ މައްސަލައެއް އޮތް ބޭފުޅެއް ކަމަށެވެ.
އެ މައްސަލަ ފާހަގަކޮށް، ކްރިމިނަލް ކޯޓުން ބެންޗް އެކުލަވާލި ގޮތާބެހޭގޮތުންވެސް ރައީސް ޔާމީންގެ ވަކީލުން ވަނި ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބް ރައީސް ޑރ. ޖަމީލު އަހުމަދު ވިދާޅުވީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ކުރިމިނަލް ކޯޓުގެ ބެންޗު މިހާރު އެކުލަވާލާފައިވަނީ ކޯޓުތަކުގެ ގާނޫނާ ހިލާފަށް ކަމަށްވާތީ ކަމަށެވެ.
އެގޮތުން މައްސަލައަކަށް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލަން ޖެހޭނީ ފަނޑިޔާރުންގެ މަޖިލީހަކުން ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބުނެފައިވީ ނަމަވެސް ރައީސް ޔާމީންގެ މައްސަލައިގެ ބެންޗު އެކުލަވާލާފައިވަނީ ކުރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު އަމިއްލަފުޅަށް ކަމަށް ޖަމީލު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އަމިއްލަ ފުޅަށް ބެންޗު އެކުލަވާލުމަށްފަހު އެ ބެންޗުގައި ގާޒީ އަލީ ރަޝީދު އިންނެވުމަކީ ވެސް ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.