ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ބައިނަލްއަގުވާމީ ބޮޑު ޑެލިގޭޝަނެއް

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ބައިނަލްއަގުވާމީ ބޮޑު ޑެލިގޭޝަނެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ބައިނަލްއަގުވާމީ ޑެލިގޭޝަންގައި އެންމެ މަދުވެގެން 250 ބޭފުޅުން ހިމެނޭނެއެވެ.

އެ ރަސްމިއްޔާތުގައި ސައުދީ އަރަބިއްޔާ، ފަލަސްތީނު، ޕާކިސްތާނު، ސްރީލަންކާ، ޗައިނާ، ޖަޕާން، މޮރޮކޯ، މޮރިޝަސް، އެމެރިކާ، ޗައިނާ، ޝީޝެލްސް އަދި ޔޫއޭއީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. އެ ބޭފުޅުން މާދަމާ ހެނދުނުން ފެށިގެން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

އަންނަ ހޮނިހިރު ދުވަހު ގަލޮޅު ދަނޑުގައި ބާއްވާ އެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދުރިކާ ކުމާރަތުންގާ އަދި ސައުދީ އަރަބިއްޔާގެ ޕްރިންސް ޑރ. މަންސޫރު ބިން މުތައްއިއްބު ބިން އަބްދުލް އަޒީޒް އަލްސައުދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 5:00ގައި ގަލޮޅު ދަނޑުގައެވެ.